ބޯޑަރު ހުޅުވާލިފަހުން ރެކޯޑް އަދަދަކަށް ރާއްޖެއަށް މީހުން އިއްޔެ އަތުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ޖުލައި 15ގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ މީހުން އައިސްފައި ވަނީ އިއްޔެ ކަމަށެވެ. އެގޮތުން 867 މީހުން އައިސްފައިވާ ކަމަށް އެ ކުންފުނިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި އެޑްހޮކް އައި ފްލައިޓަކުން 8 މީހަކު ވެސް ހިމެނެ އެވެ.

އެމްއޭސީއެލް އިން ހާމަކުރި ތަފާސްހިސާބުގައި ރާއްޖެއައީ ކިތައް ޓޫރިސްޓުން ކަމެއް އަދި ކިތައް ދިވެހިން ކަމެއް އެނގޭކަށް ނެތެވެ.

އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ 16ވަނަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް 14،984 މީހުން ރާއްޖެ އައިސްފައިވެ އެވެ. މިއީ ޖުލައި 15 އިން އޮގަސްޓް 15 އާ ދެމެދު އައި އަދަދަށް ވުރެ 69 ޕަސެންޓް އިތުރު އަދަދެކެވެ.

ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުން ރާއްޖެއަށް ޝެޑިއުލް ދަތުރުކުރާ އެއާލައިންތައް ވެސް އަންނަނީ އިތުރުވަމުންނެވެ.