ޓެކް ކުންފުނި އެސްޓްރޮނޮމާގެ ސީއީއޯ އެންޑީ ބޯރޮން ކޯލްޑްޕްލޭ ކޮންސެޓްގެ ކެމް އިން ފަލީހަތްވުމާއެކު މަސައްކަތުން އެއްފަރާތްވެ "ޗުއްޓީއެއް" ގައި ހުރި ކަމަށް އެކުންފުނިން ބުނެފި އެވެ.

އަނބިމީހާއަށް ބޭވަފާތެރިވިކަން މުޅި ދުނިޔެއަށް ހާމަވެ ނޫސްތަކާއި ސޯޝަލް މީޑިއާގައި އެ ހަބަރު ވައިރަލް ވަމުން ގޮސްފައި މިވަނީ ޓެކް ކުންފުނީގެ ސީއީއޯއާއި އެ ކުންފުނީގެ އެޗްއާރު ހެޑް އާއެކު ބާއްވަމުން ދިޔަ ސިއްރު ގުޅުން ފަޅާއެރުމާ ގުޅިގެންނެވެ.

އެމެރިކާގެ ބޮސްޓަންގައި އޮތް މަޝްހޫރު މިޔުޒިކް ބޭންޑް ކޯލްޑްޕްލޭގެ ޝޯގައި ކުއްލިއަކަށް 'ކިސް ކެމް' އަމާޒުވީ އެންޑީ އާއި ކްރިސްޓިން ކެބޮޓް ވަރަށް ގައިގޯޅިކޮށް ތިބި މަންޒަރަށެވެ. ވަގުތުން ދެމީހުންވެސް ކެމެރާއަށް ފިލަން މަސައްކަތް ކުރި އެވެ.

އެއާއެކު ލަވަކިޔުންތެރިޔާ ކްރިސް މާޓިން ބުނީ އެއީ ސިއްރު ގުޅުމެއް ނޫނީ މާ ލަދުގަންނަ ބައެއް ކަމަށެވެ.

އެ ވީޑިއޯއާއެކު މުޅި ސޯޝަލް މީޑިއާގައި އެވާހަކަ ފެތުރިގެން ދިޔަ އެވެ. އެކަމަށް އެހާ ބޮޑު ސަމާލުކަމެއް ލިބުނީ ބިލިއަން ޑޮލަރު ކުންފުންޏެއްގެ ވެރިންތަކެއް ކަން ހާމަވުމާއެކު އެވެ. ކެމް އިން ފަލީހަތްވި ދެމީހުންނަކީވެސް މީހުނާ އިނދެގެން އުޅޭ ދެ މީހުނެވެ.

މީހުންގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވާން ފެށުމުން މިއަދުގެ ވަގުތެއްގައި އެސްޓްރޮނޮމާ ކުންފުނިން ވަނީ ސީއީއޯ އެންޑީ މަސައްކަތުން އެއްފަރާތްވެފައިވާ ކަން ހާމަކޮށްފަ އެވެ. އަދި އެ ކުންފުނީގެ ބޯޑް ޑިރެކްޓަރުން އެމައްސަލަ ބަލަމުން ދާ ކަމަށްވެސް ބުނެފައިވެ އެވެ. މިއާއެކު ސީއީއޯގެ މަގާމުވަނީ ވަގުތީގޮތުން އެހެން މީހަކާ ހަވާލުކޮށްފަ އެވެ.