ސައުދީ އަރަބިއްޔާއާ ދެކޮޅަށް ފަށާފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ މަގު ބަންދުކުރުމުގެ އޮޕަރޭޝަނުގެ ދަށުން އެ ގައުމުގެ ދެ ތެޔޮ ޓޭންކަރަކަށް އަސްކަރީ ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނަށް ތާއީދުކުރާ ހޫތީ ހަނގުރާމަވެރިން ބުރާސްފަތި ދުވަހު ބުނެފި އެވެ.

މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ބުދަ ދުވަހު ބުނެފައިވަނީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށް އީރާނަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. މިއީ ވިދިވިދިގެން އެމެރިކާއިން އީރާނަށް ހަމަލާދިން 12 ވަނަ ރެއެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ބާބުލް މަންދަބު ކަނޑުއޮޅި ކައިރީގެ ސަރަހައްދުތައް ކޮންޓްރޯލް ކުރަމުންދާއިރު، އެމީހުން ވަނީ ސައުދީ އަރަބިއްޔާއަށް ކަނޑުގެ މަގުން މުދާ އުފުލުން ހުއްޓުވާނެ ކަމަށް ހޯމަ ދުވަހު ބުނެފަ އެވެ. މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކުގައި އީރާނަށް ކުރިހޯދުމަށްޓަކައި އެ ގައުމުން ރާވައިގެން ހިންގާ އަމަލެކެވެ.

ރަތްކަނޑުގެ ދަތުރުފަތުރަށް މިފަދަ ނުރައްކާތަކެއް ކުރިމަތިވުމުގެ ކުރިންވެސް، އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އިންފްލޭޝަން ވަނީ އިތުރުވެފަ އެވެ. މީގެ ސަބަބުން އެމެރިކާގެ ކޮންގްރެސް އިންތިހާބާ ދިމާކޮށް، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ހަމަލާތަކުގެ ބިރުވެރިކަމާ ހެދި، ބުދަ ދުވަހު ރަތްކަނޑުން ދަތުރުކުރި ފަސް ޓޭންކަރަކަށް ހުރަސްއަޅާ ވަނީ ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުނުކޮށް މަގު ބަދަލުކޮށްފަ އެވެ. އަދި އަންގާރަ ދުވަހު ޗައިނާ އާއި އިންޑިއާއަށް ތެޔޮ ހިފައިގެން ދިޔަ ސައުދީގެ ތިން ޓޭންކަރު ވަނީ ދަތުރު ހުއްޓާލުމަށްފަހު އެނބުރި ގޮސްފަ އެވެ.

ހޫތީން ބުނި ގޮތުގައި އެމީހުންގެ މިސައިލް އަދި ޑްރޯން ހަމަލާތައް އަމާޒުވީ 'އެންސީލިއާ' އަދި 'ލައިލާ' ނަމަކަށް ކިޔާ ސައުދީގެ ދެ ތެޔޮ ޓޭންކަރަށެވެ. ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ބުނާ ގޮތުގައި 'އެންސީލިއާ' އިން ވަނީ ބުދަ ދުވަހުގެ ރޭ ޖީޒާން ބަނދަރު ކައިރިން މިސައިލް ހަމަލާއެއް އެރިކަމަށް ބުނެ އެހީއަށް އެދިފަ އެވެ. އިނގިރޭސިވިލާތުގެ މެރިޓައިމް ރިސްކް މެނޭޖްމަންޓް ގްރޫޕެއް ކަމަށްވާ 'ވެންގާޑް' އިން ބުނީ މި ޓޭންކަރަށް ހަމަލާދީފައިވަނީ ސައުދީގެ އަލް ޝުގޭގްގެ ހުޅަނގު ދެކުނުން 70 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. ނަމަވެސް 'ލައިލާ' އަށް ދިން ހަމަލާ އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން ނުރައްކާވުމުން، ސައުދީ އަރަބިއްޔާއިން ދަނީ ދުވާލަކު އެތައް މިލިއަން ފީފާ ތެލެއް ރަތްކަނޑުގެ ޔަންބު ބަނދަރަށް ފޮނުވަމުންނެވެ. އެހެންނަމަވެސް، ރަތްކަނޑުގެ ދެކުނު ކަނޑުއޮޅިން ދަތުރުނުކުރެވޭ ނަމަ، ދެން އޮތް ހަމައެކަނި މަގަކީ ސުއޭޒް ކެނަލް މެދުވެރިކޮށް އޮތް އުތުރުގެ މަގެވެ. މީގެ ސަބަބުން ދަތުރުގެ ވަގުތު އިތުރުވެ، ހަރަދުތައް އިންތިހާއަށް ބޮޑުވެގެންދާނެއެވެ.

އެމެރިކާގެ އިސް އޮފިޝަލުން ވިދާޅުވާ ގޮތުގައި ހޫތީންގެ މި އަމަލުތަކުގެ ސަބަބުން ހަނގުރާމަ ފުޅާވެ، އެމެރިކާގެ އަސްކަރިއްޔާއަށް އިތުރު ބުރައެއް އުފުލަން ޖެހިދާނެއެވެ.

އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު

ރަތްކަނޑުގެ ހަމަނުޖެހުންތަކުގެ ކުރިން ރައީސް ޓްރަމްޕް ވަނީ، އީރާނުން ހޮރްމޫޒް ކަނޑުއޮޅީގައި އުޅަނދަކަށް ހަމަލާދޭ ކޮންމެ ފަހަރަކު، އީރާނުގެ ބްރިޖެއް ނުވަތަ ޕަވާ ޕްލާންޓެއް ހަލާކުކޮށްލާނެ ކަމަށް ބުދަ ދުވަހު އިންޒާރު ދެއްވާފަ އެވެ. މީގެ ރައްދުގައި އީރާނުގެ އަސްކަރިއްޔާއިން ބުނީ، އެމެރިކާއިން އެފަދަ ކަމެއް ކޮށްފިނަމަ، ސަރަހައްދުގެ ތެޔޮ، ގޭސް އަދި ކަރަންޓުގެ ވަސީލަތްތަކަށް ހަމަލާދީ، އެންމެ ތެޔޮ ތިއްކެއްވެސް ބޭރުވިޔަ ނުދޭނެ ކަމަށެވެ.

މި އިންޒާރަށްފަހު، އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ދެކުނުގައި އޮތް މައިން އަޅާފައިވާ މަގަކުން ދަތުރުކުރި ތިން ޓޭންކަރެއްގެ ތެރެއިން އެކަތީގައި ރޯވެފައިވާ ކަމަށް ބުނެފަ އެވެ. އަދި ކަނޑުއޮޅި މިހާރު އޮތީ އެމީހުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި، އީރާނުގެ ހުއްދައާ ނުލައި އެއްވެސް އުޅަނދަކަށް ވަދެ ނުކުމެ ނުހެދޭނެ ކަމަށްވެސް ބުންޏެވެ.

ޖޫން މަހުގެ ސުލްހައިގެ އެއްބަސްވުން ރޫޅުނު ފަހުން އެމެރިކާއިން ދަނީ އީރާނުގެ އެކި ސަރަހައްދުތަކަށް މެދުނުކެނޑި ހަމަލާދެމުންނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ އުޅަނދުފަހަރަށް އޮތް ނުރައްކާ ކުޑަކުރުމަށްޓަކައި އީރާނުގެ އަސްކަރީ ގާބިލިއްޔަތު ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި އެމެރިކާއިން ވަނީ ބުޝެހްރު ސިޓީގެ ނިއުކްލިއާ ރިއެކްޓަރު ހުންނަ ސަރަހައްދަށް ދެ ދުވަސް ތެރޭ ދެވަނަ ފަހަރަށް ހަމަލާދީފަ އެވެ. އަދި އީރާނާއި އިރާގު ގުޅޭ ބޯޑަރު ކައިރީގައި ދިން މިސައިލް ހަމަލާއެއްގައި ދެ މީހަކު މަރުވެފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

މި ހަނގުރާމައިގައި ދެ ފަރާތަށްވެސް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އީރާނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން 53 އާންމުން މަރުވެ، 592 މީހުން ވަނީ ޒަހަމްވެފަ އެވެ. ފެބްރުއަރީ މަހުގެ 28 ގައި ހަނގުރާމަ ފެށުނު ފަހުން އެތައް ހާސް ބަޔަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.

އެމެރިކާ އަސްކަރިއްޔާއިން ބުނަނީ އެމީހުން ދުވަހަކުވެސް އާންމުންނަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށެވެ. ނަމަވެސް، ރައީސް ޓްރަމްޕް ވަނީ އާންމުން ބޭނުންކުރާ ވަސީލަތްތައް އަސްކަރީ ބޭނުމަށް ބޭނުންކުރާ ނަމަ އެތަންތަނަށް ހަމަލާދޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

މި ހަނގުރާމައިގައި އެމެރިކާގެ 18 ސިފައިން މަރުވެ، 450 އަށްވުރެ ގިނަ ސިފައިން ވަނީ ޒަހަމްވެފަ އެވެ. މަރުވި ސިފައިންގެ ހަށިގަނޑުތައް އެމެރިކާއަށް ގެނައުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަމުން ޓްރަމްޕް ވިދާޅުވީ، މިއީ ރައީސެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ އެންމެ އުނދަގޫ ކަންތައް ކަމަށެވެ. ނަމަވެސް، ފަހުން ޖޯޖިއާގައި ބޭއްވި ޖަލްސާއެއްގައި އޭނާ ވަނީ މި ހަނގުރާމައަކީ ހަމައެކަނި "ކުޑަ ކުރިމަތިލުމެއް" ކަމަށް ސިފަކުރައްވާފަ އެވެ.