އިއްޔެ ހަވީރު އެނބޫދޫ ފިނޮޅު ކައިރިން އަޑިއަށް ދިޔަ ތެޔޮ ބޯޓު ނުނަގައި ދޫކޮށްލަން ނިންމާފައިވާ ކަމަށް ކޯސްޓްގާޑުން ބުނެފި އެވެ.

""ސީ ސްޓާ" ނަމަކަށް ކިޔާ އެ ތެޔޮ ބޯޓޮ އެމްބޫދޫ ފިނޮޅުން ކައިރިން ދަތުރު ކުރަނިކޮށް އަލިފާން ރޯވެ ވަނީ އަޑިއަށް ގޮސްފަ އެވެ. ބޯޓުގައި އަލިފާން ރޯވުމުން ފަޅުވެރިން ވަނީ ކަނޑަށް ފުންމާލައިފަ އެވެ. ފަޅުވެރިން ކަނޑުވެފައި ވަނިކޮށް ފެނިގެން މާލެ ގެނައީ ކާނި ގެސްޓް ހައުސްގެ ލޯންޗެއްގަ އެވެ. އެ ބޯޓުގެ ފަޅުވެރިންގެ ގޮތުގައި ތިބީ ތިން ދިވެހިންނާއި އެއް ބިދޭސީ އެކެވެ.

އަލިފާން ރޯވިއިރު އެ ބޯޓުގައި 60،000 ލީޓަރު ޑީސަލް ހުއްޓެވެ. ބޯޓު އަޑިއަށް ދިޔައިރު ޑީސަލް ހުރީ ބަރުކޮށްފަ އެވެ. އިއްޔެ އެމްއެންޑީއެފް ބޯޓުގެ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނިކޮށް ވަނީ އަޑިއަށް ގޮސްފަ އެވެ.

އީޕީއޭ އާއި އެމްއެންޑީފުގެ ކޯސްޓުގާޑު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. -- ފޮޓޯ: އެމްއެންޑީއެފް

މިއަދު އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ކޯސްޓު ގާޑު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓުގާޑުގެ ކޮމާންޑަންޓް މުހައްމަދު ސަލީމް ވިދާޅުވީ ބޯޓު ވަނީ ބޯޓު އަޑިއަށް ދިޔައީ އެނބޫދޫފިނޮޅު ފަޅުގެ އިރުން 1.5 ނޯޓިކަލް މޭލު އޮންނަ ސަރަހައްދަކަށެވެ.

މި ސަރަހައްދުގެ ފުންމިނަކީ 1000 މީޓަރާ 1400 މީޓަރާ ދެމެދެވެ. ސަލީމް ވިދާޅުވީ އެހާ ފުނުން ބޯޓު ފުންކުރުމަށް ކުރަން ޖެހޭ ހަރަދުގެ ބޮޑު ކަމުން އެކަން ނުކޮށް ދޫކޮށްލީ ކަމަށެވެ. އަދި އެހާ ފުނަށް ބޯޓުތަށް އަޑިއަށް ދިޔުމުން ބޯޓު ނެގުމުގެ މަސައްކަތް ކުރަނީ ވަރަށް މަދު ގައުމުތަކެއްގައި ކަމަށެވެ.

ސަލީމް އިތުރަށް ވިދާޅުވީ ޑީސަލް އަކީ ސާފު ނުކުރާ ތެލާ ހިލާފަށް ފަސޭހައިން ފެނުން މައްޗަށް އެރުމާ އެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނެތިދާ އެއްޗެއް ކަމުން ލީކެއް ވިޔަސް މާ ބޮޑު ނުރައްކަލެއް ނެތްކަމަށެވެ.

ބައްދަލުވުމުގައި އީޕީއޭގެ ފަރާތުން ބައިވެރިވި އެ އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ތިމާވެއްޓަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިނުވާނެ ކަމަށެވެ. ނަމަވެސް އެ އެޖެންސީން ދަނީ ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދު މޮނިޓާ ކުރަމުން ކަމަށެވެ.