އަޅުގަނޑުމެން އާއްމުކޮށް އަޑުއަހަނީ ކާބޯތަކެތި މުއްދަތު ހަމަވާ ވާހަކަ އެވެ. ނަމަވެސް ބަދިގޭގައި ހިފާ ގެންގުޅޭ ތަކެތިވެސް މުއްދަތު ހަމަ ވެއެވެ. މިސާލަކަށް ތަށި ފޮހެން ގެންގުޅޭ ފޮތި ވެސް މުއްދަތު ހަމަ ވެއެވެ.
މިގޮތަށް ގެންގުޅޭ ސާމާނު ގަންނައިރު ބަހައްޓަންވީ ސްޓޯރޭޖް އިންސްޓްރަކްޝަން ބެލުމަކީ މުހިއްމު ކަމެކެވެ. ނޫންނަމަ އޭގެ މުއްދަތުގެ ކުރިން އެ އެއްޗެއް ބޭނުން ނުކުރެވޭ ހާލަތަށް ގޮސްދާނެ އެވެ.
ބަދިގޭގައި ހިފާގެންގުޅޭ ތަކެތީގެ ތެރެއިން މުއްދަތު ހަމަވާ ބައެއް ސާމާނު:
ތަތްނުލަވާ ތަވާ: ކޮންމެ 2-5 އަހަރުން ތަވާ ބަދަލުކުރަން ޖެހެ އެވެ. ނޫންނަމަ އޭގެ ކޯޓިން ނެއްޓި ހަލާކުވާއިރު ކާން ތައްޔާރުކުރާ ކާނާގެ ތެރޭގައި އެ ހިމެނި ހަށިގަނޑަށް ގެއްލުން ވުމުގެ ފުރުސަތު ބޮޑު ވެއެވެ.
ލަކުޑި ސަމްސާ ނުވަތަ ދޭފަތް: ކޮންމެ 1-2 އަހަރުން ބަދަލުކުރުން މުހިއްމެވެ. ގިނަ ދުވަސްވުމުން ރެނދުލާ ނުބައިވަސް ދުވުން ފަދަ ކަންކަން ކުރިމަތި ވެއެވެ.
ޕްލާސްޓިކް ކަޓިން ބޯޑު: 1-2 އަހަރުން ބަދަލުކުރަން ޖެހެ އެވެ. އޭގައި ވަޅިއެޅިފައި ހުންނަ ތަންތަން ސާފު ނުކުރެވި ހަޑި ވެއެވެ.
ސިލިކަން ދޭފަތް: 2-4 އަހަރުން ބަދަލުކުރަން ޖެހެ އެވެ. ދޭފަތް ބިނދޭގޮތްވެ، ކައިރިފަށް ވިރި މަޑުވާގޮތް ވެއެވެ.
ބަދިގޭގައި ބޭނުންކުރާ ސްޕޮންޖް: ކޮންމެ 2-4 ހަފްތާއިން ބަދަލުކުރަން ޖެހެ އެވެ. ނުވަތަ އޭގެ ކުރިން ސްޕޮންޖް ހަލާކުވެ، ނުބައިވަސް ދުވާނަމަވެސް ބަދަލުކުރަންވާނެ އެވެ.
ވަޅި: 5-10 އަހަރުގެ މުއްދަތެއްގައި ގެންގުޅެ ވެއެވެ. ގިނަ ފަހަރު ވަޅި ގިނަ ދުވަސްވުމުން އޭގެ ތޫނުބައި (މިޔަ) ހަލާކުވެ ތޫނު ނުކުރެވޭގޮތް ވެއެވެ.
ޕްލާސްޓިކް ކޮންޓެއިނަރު: ޕްލާސްޓިކް ކޮންޓެއިނަރަކީ 1-3 އަހަރަކުން ބަދަލުކުރުން މުހިއްމު އެއްޗެކެވެ. މާ ގިނަ ދުވަސް ވުމުން ނުބައިވަސް ހިފައި އެޔަށް ލާ އެއްޗަކުންވެސް ނުބައިވަސް ދުވަ އެވެ.
ބަދިގެއަށް ތަކެތި ހޯދާއިރު އަބަދުވެސް އުފެއްދި ތާރީހަށް ބަލާށެވެ. އޭރުން އޭގެ މުއްދަތު އަންދާޒާ ކުރެވޭނެ އެވެ. އަދި އެއްޗެހި ސްޓޯކުރަންޖެހޭ ގޮތް ރަނގަޅަށް ބަލަން ވާނެ އެވެ.