2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށް ހިންގަން ފަށަން ލާޒިމުވާ ގޮތަށް، ފެނާއި ނަރުދަމާގެ ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ މިއަދުގެ ޖަލްސާގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު އެވެ.

އޭނާ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މީހުން ދިރިއުޅޭ ހުރިިހާ ރަށެއްގައި ލަސްވެގެން 2027 ވަނަ އަހަރު ނިމުމުގެ ކުރިން އެ ރަށަކާ އެކަށޭނަ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަން ޖެހޭނެއެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން، ގާނޫނު އެކުލަވާލާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެތެރޭ ފެނާއި ނަރުދަމާގެ ނިޒާމުތައް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމްކޮށް ހިންގޭނެ އެންމެހާ އިންތިޒާމުތައް ހަމަޖެހިފައި ހުންނަން ވާނެ އެވެ.

ކުޑަ ރަށެއް, ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ކަމަށް ބުނެ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވަނީ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ފަށައިފައެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ހުރީ ނުނިމި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅާފައިވަނީ، ނަރުދަމާގެ މަސައްކަތްތައް ނިމިފައިވާ ގިނަ ރަށްރަށުގައި ހިދުމަތް ނުދެވި ލަސްވަނީ ޔޫޒާ ރައިޓްސް އެގްރީމެންޓް (ޔޫއާރުއޭ) އަށް ބޭނުންވާ ލިޔެކިއުންތަކާއި ޓެންޑާ ބޯޑުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި ހުރުމުން ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިދިޔަ ޖޫން މަހު މަޖިލީހުގައި ވިދާޅުވެފައި ވަނިކޮށެވެ.

މި ސަރުކާރަށް ދެ އަހަރު ފުރެން ދާއިރުގައި މިހާތަނަށް އަދިވެސް އެއްވެސް މަޝްރޫއެއް ފެށިފައި ނުވާއިރުގައި، ރައީސް ޑރ. މުއިއްޒު ގެންދަވަނީ ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކުރައްވައި ބޮޑެތި ވައުދުތަކެއް ވެސް ވަމުންނެވެ.

ވައުދާއި އެއްގޮތަށް މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ނުހިނގާ ކަމުގެ ކަންބޮޑުވުމަކީ މި ސަރުކާރު އައުމަށްފަހު ވެސް މިއަދާ ހަމައަށް ވެސް އޮތް ކަންބޮޑުވުމެކެވެ.