ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހަވާލުކުރާ ފްލެޓްތަކުގެ ކުލި ކުރިން ކަނޑައަޅާފައި އޮތް ގޮތަށް އެމްޑީޕީގެ ވެރިކަމެއްގައި ބަދަލު ކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މިހެން ވިދާޅުވީ، މިނިވަން ދުވަހާއި ގުޅިގެން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހަވާލު ކުރި މި ފްލެޓްތަކުގެ އަގުތައް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ބޮޑުކޮށްފަ އެވެ. އަދި ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމާ ޚިލާފަށް މި ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކަށް 25،000ރ. ގެ ޑިޕޮސިޓެއް ވެސް ނަގާ ގޮތަށް ހަމަޖައްސާފަ އެވެ.
މިކަމާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ، ފްލެޓްތައް ހަވާލު ކުރިއިރު ކަނޑައަޅާފައިވާ އަގަކީ އެކަށީގެންވާ އަގުތަކެއް ކަމުގަ އާ އެއްބަސްވެ، ދެފަރާތުން ސޮއިކޮށްފައިވާ ކަމެއް ބަދަލުކުރުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ، 4000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމަކަށް ކުޑަ ތަންކޮޅެއް ލަސްވެގެން ދިޔައީ ވެސް އެކަށީގެންވާ ކުޑަ އަގެއްގައި ފްލެޓް ރައްޔިތުންނަށް ހަވާލު ކުރެވޭނެ ގޮތަކަށް މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ކުރަން ޖެހުނު މަސައްކަތުގެ ސަބަބުން ކަމަށެވެ.
ރައީސް ސާލިހުގެ ސަރުކާރުން އިއުލާނު ކޮށްފައިވަނީ ތިން ކޮޓަރީގެ ފްލެޓެއް މަހު ކުލީގެ ގޮތުގައި 7000ރ. އަދި މެއިންޓެނެންސް ފީގެ ގޮތުގައި 1000ރ. އާ އެކު ޖުމްލަ 8000ރ. އެވެ. އަދި ދެ ކޮޓަރީގެ ފްލެޓެއް މަހު ކުލީގެ ގޮތުގައި 5000ރ. އާއި މެއިންޓެނެންސް ފީގެ ގޮތުގައި 1000ރ. އާ އެކު ޖުމްލަ 6000ރ. އެވެ.
އޭގެ އިތުރުން 3 މަސް ދުވަސް ފަހުން ކުލި ދައްކަން ފަށަން ޖެހޭ ގޮތައް މުއްދަތެއް ކަނޑައަޅާފައި ވާނީ އެތަންތަނަށް ވަންނަން ޖެހޭ ފަރާތްތަކަށް ފަރުނީޗަރާއި އެހެނިހެން ހިފާގެންގުޅޭ ތަކެތި ހޯދުމަށް ޚަރަދުތަކެއް ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރެއްވޭތީ ކަމުގައި ރައީސް ސާލިހް ވިދާޅުވިއެވެ.
ނަމަވެސް މިހާރު އަޑު އިވެނީ، އެޑްވާންސް ފީގެ ގޮތުގައި ފުރަތަމަ 25،000ރ، ދައްކަންވާނޭ ކަމަށް ބުނުމާއި ތިން ކޮޓަރީގެ ފްލެޓެއް މަހަކު 9،000ރ. އާއި އިތުރަށް 1،500ރ. މަރާމާތު ފީގެ ގޮތުގައި ނަގާ ވާހަކައިގެ އިތުރުން 2 ކޮޓަރީގެ ފްލެޓެއް 7،000ރ. އާއި އަދި މަރާތުފީ 1،000ރ. މަހަކު ނަގާ ގޮތައް ކަމަށް ކުރީގެ ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް ސާލިހް ފާހަގަ ކުރެއްވި ގޮތުގައި މިހާރު ކަނޑައަޅާފައި ގޮތުން ދައްކަން އޮންނަ މުއްދަތަކަށް ކުލި ނުދައްކައިފިއްޔާ އެކި ގޮތް ގޮތުން 4000ރ. ކުއްޔަށް އިތުރުކުރާ ގޮތައް ހަމަ ޖައްސާފައިވާ ކަމަށް އަޑު އިވޭ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ، މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ ކުރިން ނިންމާފައި އޮތް ގޮތައް އެ ފްލެޓްތައް ކުއްޔަށް ދިނުން ކަމަށާއި ފަހުން އަންނަ ސަރުކާރަކުން ކުރިން ކަނޑައަޅާ އެއްބަސްވެ ނިންމާފައި ހުންނަ މިފަދަ ކަންކަން ބަދަލު ކުރަންޏާ ދައުލަތަކާ ދޭތެރޭ ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރު ގެއްލިގެން ދާ ކަމަށެވެ.
ކުރީގެ ރައީސް ވިދާޅުވީ، 2028 ވަނަ އަހަރު އަންނާނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި، ރައްޔިތުން އެގޮތައް ވޯޓު ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެ އުފެދޭ އެމްޑީޕީ ގެ ސަރުކާރެއްގައި، ކުރިން އެމްޑީޕީ ސަރުކާރުން ކަނޑައަޅާފައި އޮތް ގޮތައް ކުލިތައް ބަދަލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.