ކައުންސިލްތަކަށް ދީފައިވާ ބައެއް ބާރުތައް ހަނިކުރަން ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފި އެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ވަނީ ފަސް އިސްލާހެއް ހުށަހަޅައިފަ އެވެ. އޭގެތެރޭގައި ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ހަނިކުރުން ހިމެނެ އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ހުށަހެޅުއްވި އެ އިސްލާހު އޮތްގޮތަށް ކޮމިޓީން ފާސްކުރަން ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދެވެ.

އެ އިސްލާހު ފާސްވީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އެ އިސްލާހު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ. އޭނާ އަކީ އިދިކޮޅު އެމްޑީޕީގެ ބޭފުޅެކެވެ.

އެ އިސްލާހަށް އާންމުންގެ ޚިޔާލު ހުށަހެޅުމަށް ފުރުސަތު ދިނީ އެންމެ 19 ގަޑިއިރަށެވެ. އެ އިސްލާހާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް ގިނަ ކައުންސިލްތަކުން އަންނަނީ ބަޔާން ނެރެމުންނެވެ.

އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ ކައުންސިލްތަކުން ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެ އިސްލާހުގެ ސަބަބުން ހުރަސް އެޅޭނެ ކަމަށެވެ.