މި ހަފްތާ ނިމޭއިރު ބ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ބޭންކުގެ އޭޓީއެމް ބަހައްޓައި ނިމޭނެ ކަމަށް ގައުމީ ބޭންކު، ބީއެމްއެލް އިން ބުނެފި އެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ބ. ކަމަދޫ، ކުޑަރިކިލު އަދި ކެންދޫގައި ސެލްފް ސާވިސް ބޭންކިންގް އޭޓީއެމް ޚިދުމަތް މިއަދު ވަނީ ފަށާފަ އެވެ.

މިރަށްތަކުގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ހަފްތާ ތެރޭގައި ބ. ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ދޮންފަނު އަދި މާޅޮހުގައި އޭޓީއެމް ޚިދުމަތް ތައާރަފްކޮށް ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ފަށާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބ. އަތޮޅުގެ އިތުރު ދިހަ ރަށަށް އޭޓީއެމްގެ ޚިދުމަތް ދޭން ފެށުމާއެކު ' މުޅި ރާއްޖެ އަށް ބީއެމްއެލް އޭޓީއެމް' ޕްރޮގްރާމްގެ ދަށުން މިއަހަރު ތެރޭ އަލަށް އޭޓީއެމް ޚިދުމަތް ދޭން ފެށި ރަށްތަކުގެ އަދަދު 47 އަށް އަރާނެ ކަމަށެވެ.

"ޝައްކެތް ނެތް ގޮތުގައި މިއީ މިހާތަނަށް އަޅުގަނޑުމެން ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް، މިއިން ދޭހަކޮށްދެނީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށާއި ރަށްރަށުގެ ތަރައްގީއަށް އަޅުގަނޑުމެންދޭ،" ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 134 ސެލްފްސާވިސް ބޭންކިން ސެންޓަރު، 189 އޭޓީއެމް، އޭޖެންޓު ބޭންކިންގް ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގް ހައްލުތައް ގާއިމުކޮށް މުޖުތަމައު ބާރުވެރިކުރުވުމަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.