ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ.
މި ދައުރުގެ ފަހު ޖަލްސާ ބާއްވާފައި ވަނީ އިއްޔެ އެވެ. ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ދެވަނަ ދައުރުގެ ތެރޭގައި މަޖިލީހުގެ ޖުމްލަ 27 ޖަލްސާއެއް ވަނީ ބާއްވާފަ އެވެ. އެއީ 46 ގަޑިއިރުގެ މަސައްކަތް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެވެ.
މަޖިލީހުގެ ތަޅުމުގައި ކުރިއަށްދާ ޖަލްސާތަކުގެ އިތުރުން ކޮމިޓީތަކުގެ މަސައްކަތްތައް ވެސް ކުރިއަށްދެ އެވެ. އެގޮތުން، ދެވަނަ ދައުރުގެ ތެރޭގައި ޖުމްލަ 127 ކޮމިޓީ ބައްދަލުވުންތައް ބާއްވާފައިވާއިރު މި ބައްދަލުވުންތަކުގައި 91 ގަޑިއިރާއި 29 މިނެޓް ހޭދަވި ކަމަށް މަޖިލީހުގެ ހިސާބުތަކުން ދައްކަ އެވެ.
ދެވަނަ ދައުރުގައި ވަނީ މިހާތަނަށް މަޖިލީހުގައި ނުނިމިހުރި ބައެއް މަސައްކަތްތައް ވެސް ކުރިއަށްގެންގޮސްފަ އެވެ. އެގޮތުން، ދެވަނަ ދައުރު ނިމުނުއިރު 24 ބިލެއްގެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން 7 ބިލެއްގެ މަސައްކަތް ވަނީ ނިންމާފަ އެވެ.
މި ދައުރުގެ ތެރޭގައި ނިންމާފައި މުހިންމު ބިލުތައް
- ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު
- އިންޝުއަރެންސްގެ ބިލު
- ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
މަޖިލީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ދައުރުގެ ތެރޭގައި ހަ ގަރާރެއްގެ މަސައްކަތް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ދައުރު ނިންމާލިއިރު އެއްވެސް ގަރާރެއްގެ މަސައްކަތް ނުނިމެ އެވެ. އަދި މި ދައުރުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް 11 މައްސަލައެއް ހުށަހެޅިއިރު އޭގެ ތެރެއިން 8 މައްސަލައެއްގެ މަސައްކަތް ދައުރުގެ ތެރޭގައި ވަނީ ނިންމާފަ އެވެ.
ދެވަނަ ދައުރުގައި ރިޔާސަތުން ހުށަހެޅުއްވި 5 މައްސަލައިގެ ތެރެއިން ދެ މައްސަލައާއި މެންބަރުން ހުށަހެޅުއްވި އެއް މައްސަލަ އަދި އެހެނިހެން މައްސަލަތަކާ ގުޅޭ ދެ ރިޕޯޓެއްގެ މަސައްކަތް ވެސް މި ދައުރުގެ ތެރޭގައި ނިމިފައިވާ ކަމަށް މަޖިލީހުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މީގެ އިތުރުން މި ދައުރުގެ ތެރޭގައި ހަ ކުއްލި މައްސަލައެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާއިރު އެ ހުރިހާ މައްސަލައެއްގެ މަސައްކަތް ވެސް ވަނީ ނިންމާފަ އެވެ. އަދި ތަޅުމަށް ހުށަހެޅި އިމްތިޔާޒުގެ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލައިގެ މަސައްކަތް ވެސް ވަނީ ނިންމާފަ އެވެ.
މި ދައުރުގެ ތެރޭގައި ވަޒީރުންނާ ކުރެއްވުމަށް މެންބަރުން ވަނީ 77 ސުވާލު ހުށަހަޅުއްވާފަ އެވެ. ނަމަވެސް ދައުރު ނިމުނުއިރު މަސައްކަތް ނިމިފައި ވަނީ 8 ސުވާލުގެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ގޮސްފައިވާއިރު މިއަހަރުގެ ބާކީ އޮންނާނީ އެއް ދައުރެވެ. އެގޮތުން، ތިންވަނަ ދައުރުގެ މަސައްކަތް ފެށޭނީ އޮކްޓޫބަރު މަހު އެވެ. ދައުރު ނިންމާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.