ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ކުރިން ކާމިޔާބު ހޯދާފައިވާ ތަންތަނުން ޕީޕީއެމް އިން މިފަހަރު ބޮޑު ކާމިޔާބެެއް ހޯދި ކަމަށް. ޕީޕީއެމްއަށް ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގެ މިސްރާބު އަދުވެސް ހުރީ "ރަށްވެހި ފަތިހަކަށް" ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވި. އެމްޑީޕީން ގެންދަނީ ވޯޓުގެ ނަތީޖާ ގަބޫލުނުކޮށް ނުހޮވުނު ބައެއް ދާއިރާތަކުގެ ވޯޓު އަލުން ގުނަން އިލެކްޝަން ކޮމިޝަނަށް ޕްރެޝާކުރަމުން.

ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން ދައްކުވައި ދެނީ ރާއްޖޭގެ ސިޔާސީ މަސްރަހު ދަތުރުކުރަނީ "ރަށްވެހި ފަތިހާ" ދިމާލަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ނިމިދިޔަ އިންތިޚާބުގައި ތަކުރާރު ކުރެވިފައި ނުވި ނަމަވެސް އަދި ޕީޕީއެމްއަށް ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގެ މިސްރާބު އަދުވެސް ހުރީ "ރަށްވެހި ފަތިހަކަށް" ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކުރީގެ އިންތިހާބު ތަކުގެ ނަތީޖާތަކާ އަޅާބަލާއިރު ނިމިގެން ދިޔަ ކައުންސިލް އިންތިހާބުގައި ވެސް މާބޮޑު ތަފާތެއް އެމަނިކުފާނަށް ފެނިވަޑައި ނުގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ކުރިން ޕީޕީއެމަށް ކާމިޔާބު ކުރެވިފައި ނެތް ބައެއް ދާއިރާތައް އެ ޕާޓީން މި އަހަރުގެ އިންތިހާބުގައި ކާމިޔާބު ކުރި ކަންވެސް ފާހަގަ ކުރެއްވި އެވެ.

"ޕީޕީއެމް އިން ވެސް ދަނީ ކާމިޔާބީ އިތުރު ކުރަމުން. އެއީ އަޅުގަނޑު ވެސް މަރުހަބާކިޔާ ކަމެއް. މި އިންތިޚާބުގައި މާ ބޮޑު ތަފާތެއް އައި ކަމަކަށް ނުދެކެން. ރާއްޖޭގެ ސިޔާސީ ތަބީއަތުގައި މިސްރާބު ޖަހާފައި އެބަ ހުރި އޭގެ މަންޒިލަށް. އެއީ ލަފާ ކުރެވެނީ ރަށްވެހި ފަތިހަކަށް ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޕީޕީއެމް އިން ވެސް ދަނީ ކާމިޔާބީ އިތުރު ކުރަމުން. އެއީ އަޅުގަނޑު ވެސް މަރުހަބާކިޔާ ކަމެއް. މި އިންތިޚާބުގައި މާ ބޮޑު ތަފާތެއް އައި ކަމަކަށް ނުދެކެން. ރާއްޖޭގެ ސިޔާސީ ތަބީއަތުގައި މިސްރާބު ޖަހާފައި އެބަ ހުރި އޭގެ މަންޒިލަށް. އެއީ ލަފާ ކުރެވެނީ ރަށްވެހި ފަތިހަކަށް ކަމަށް،
ނަޝީދު

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު މިފަދަ މޭރުކަމުން ވިދާޅުވެފައި މިވަނީ، މަޖިލީހަށް ހުށަހެޅިފައިވާ ބިލުތަކުގެ ބަހުސްގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން އެ ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވައި އެމްޑީޕީގެ އެތައް ކަމެއް އިސްލާހު ކުރަން މަޖިލީހުގައި ގޮވާލައްވަމުން ދަނިކޮށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން އޮތީ މިމަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް ބައެއް ވޯޓު ފޮށިތައް އަލުން ގުނަން ހުށަހަޅާފައިވާތީ އިންތިހާބުގެ ވަގުތީ ނަތީޖާ އަދި އިއުލާންކޮށްފައެއް ނުވެ އެވެ.