މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރަން އިތުރު ތިން ޑްރެޖަރުތައް ގެންނަން އެޗްޑީސީން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސް މުހައްމަދު މުއިއްޒުގެ އެންމެ މުހިއްމު ރިޔާސީ އެއް ވައުދު ކަމަށްވާ، ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދޭން، މާލެ ސަރަހައްދުގައި ހުޅުމާލެ 3 އާއި ގުޅިފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަންނަ އޮކްޓޯބަރު މަހު ގެންނަން ހަމަޖެހިފައި ވަނީ 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރާއި 11،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ނަމަވެސް ބިން ހިއްކުން ހަވާލުކުރަނީ ކޮން ކުންފުންޏަކާ ކަމެއް އަދި އެކަމަށް ހިނގާ ޚަރަދެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
އެ ކުންފުނިން ބުނީ ބިން ހިއްކުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ވީހާ ވެސް ހަލުވިކަމާ އެކު ކުރިއަށް ގެންދިޔުމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބިން ހިއްކަން އިތުރު ޑްރެޖަރުތައް ގެންނަން ނިންމާފައި މިވަނީ ހުޅުމާލެ ފޭސް ތިނަކާއި ގިރާވަރުފަޅާއި އުތުރުތިލަފަޅުގެ ބިން ހިއްކުން ހުއްޓިފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.