މިހާރު ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރު ޖަލްސާތަކެއް މި ހަފްތާގެ ތެރޭގައި ބާއްވަން ނިންމައިފި އެވެ.

އެނގިފައިވާގޮތުގައި އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު ދައުރުން ބޭރު ޖަލްސާތަކެއް ބާއްވަން ޕީއެންސީގެ މަޖިލިސް މެންބަރުން ވަނީ ހުށަހަޅާފަ އެވެ.

ދައުރުން ބޭރުގައި ޖަލްސާތަކެއް ބާއްވަން މި އުޅެނީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް މީޑިއާ ގެނައުމަށް ހާއްސަ ބިލެއް ޑްރާފްޓްކޮށް މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ އެންގެވުމަށް އެ ބިލް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އަމިއްލަގޮތުން އިންތިހާބުވި ހަންނާން ޕީއެންސީއަށް ސޮއިނުކުރިޔަސް އޭނާ އަކީ ސަރުކާރާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

މީޑިއާގެ ކޮންޓްރޯލް ސަރުކާރުގެ ދަށަށް ގެނައުމަށް ހުށަހަޅާފައިވާ އެ ބިލްގައިވާގޮތުން އަލަށް އުފައްދާ ކޮމިޝަނުގެ މެޖޯރިޓީ އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަދި މައްސަލަ ބަލައި ނުނިމެނީސް ޓީވީ ޗެނަލްތަކުގެ ލައިސަންސް ވަގުތީގޮތުން ހިފެއްޓުމުގެ ބާރު ވެސް އެ ކޮމިޝަނަށް ލިބިގެންވާ ކަމަށް އެ ބިލްގައިވެ އެވެ. އަދި ކޮމިޝަނުގެ އެންގުމަށް ތަބާނުވެއްޖެނަމަ ފުލުހުން ފޮނުވައިގެން އެކަން ތަންފީޒުކުރުމުގެ ބާރު ވެސް ލިބެ އެވެ.