ރައީސް މުހައްމަދު މުއިއްޒު ޕްރޮމޯޓްކުރުމަށް ސޯޝަލް މީޑިއާގައި އިސްކޮށް ހަރަކާތްތެރިވާ މަލްޝާ ޝަރީފަށް އެޗްޑީސީގައި އާ ޑިޕާޓްމަންޓެއް އުފައްދައި ބޮޑު މުސާރަ ލިބޭ މަގާމެއް ދީފި އެވެ.

މިހާތަނަށް މަލްޝާ ހުރީ އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގަ އެވެ. އެ މަގާމް ވެސް ދިނީ ޑެޕިޔުޓީ މިނިސްޓަރު ކަމުގައި ހުއްޓައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކުރި މައްސަލަ ހޫނުވުމުން މުސާރަ ލިބޭގޮތަށް ސަސްޕެންޑުކޮށްފައި ގިނަ ދުވަހު ބެހެއްޓުމަށްފަހުއެވެ.

މުސާރަ ލިބޭގޮތަށް ސަސްޕެންޝަނުގައި ގިނަ ދުވަހު ބެހެއްޓުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ރައީސް މުއިއްޒުގެ އެންގެވުމަށް އެޗްޑީސީން މަލްޝާއަށް އެ ވަޒީފާ ހަމަޖެއްސީ އެވެ.

"ހުރިހާ"އަށް އެނގިފައިވާގޮތުގައި ރައީސް މުއިއްޒުގެ އެންގެވުމަށް މަލްޝާއަށް އެޗްޑީސީގައި އުފެއްދީ ޕީއާރް ޑިޕާޓްމަންޓެވެ. އޭނާ ހަމަޖެއްސީ އެ ޑިޕާޓްމަންޓްގެ ޑިރެކްޓަރު ކަމަށެވެ. އެ މަގާމުގެ މުސާރަ 50،000އަށްވުރެ ބޮޑެވެ.

މަލްޝާ ކުރަންޖެހޭ ކަމަކީ ރައީސް މުއިއްޒު ޕްރޮމޯޓްކުރުމަށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވުމެވެ. އަދި އެޗްޑީސީގެ އެހެން މުވައްޒަފުންނަށް ނުލިބޭ ހާއްސަ އިނާޔަތްތަކެއް ވެސް އޭނާއަށް ލިބެ އެވެ. އެގޮތުން ރައީސް މުއިއްޒު އަތޮޅުތެރެއަށް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި ބައިވެރިވުމުގެ ފުރުސަތު އޭނާއަށް ދެ އެވެ، އެ ދަތުރުގައި މަލްޝާ ކުރަންޖެހޭ ކަމަކީ ރައީސް މުއިއްޒުގެ ފޮޓޯ އާއި ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް އެމަނިކުފާނު ޕްރޮމޯޓްކުރުމެވެ.