ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ ގިނަ ގޮނޑިތަކެއް ޕީޕީއެމްއިން ކާމިޔާބުކުރިއިރު، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް އެ ޕާޓީގެ ތެރޭގައި ވާދަވެރިކަން ބޮޑުވެއްޖެ އެވެ.
މިމަހުގެ 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ މާލެ ސިޓީގެ މޭޔަރު ކަމާއި 14 ގޮނޑި އިދިކޮޅު ޕީޕީއެމްއިން ވަނީ ކާމިޔާބު ކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލަށް އިންތިޚާބުވި ޕީޕީއެމްގެ ދެ މެންބަރަކު ވަނީ މިހާތަނަށް ޑެޕިއުޓީ މޭޔަރު ކަމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. އެއީ ވިލިމާލެ ދާއިރާގެ އިންތިޚާބީ ކައުންސިލަރު ނަޙުލާ އަލީ އާއި، މާފަންނު ދެކުނު ދާއިރާގެ އިންތިޚާބީ ކައުންސިލަރު އަބްދުﷲ ނާސިރެވެ. މި ދެ ބޭފުޅުން ވެސް ވަނީ މީސް މީޑިއާ މެދުވެރިކޮށް އެ ކަން ހާމަކުރައްވައިފަ އެވެ.
އެހެން ނަމަވެސް ޕީޕީއެމްގެ ގިނަ ސަޕޯޓަރުން ސޯޝަލް މީޑިއާގައި އަންނަނީ ހުޅުމާލެ ދާއިރާގެ އިންތިޚާބީ ކައުންސިލަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ޑެޕިއުޓީ މޭޔަރަކަށް ގެނައުމަށް ކެމްޕޭނު ކުރަމުން އެވެ.
އެގޮތުން ޓުވިޓާގައި ހިޔާލު ފާޅުކުރި މީހަކު ބުނީ މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް ގެންނަން އެންމެ ކަމުދަނީ ޝުޖާއު ކަމަށެވެ. އަދި މިކަހަލަ މަގާމެއް އަދާކުރެވޭނީ ޝުޖާއު ކަހަލަ ހިންގުންތެރި ބޭފުޅަކަށް ކަމަށް ޓްވީޓަރގައި ހިޔާލު ފާޅުކުރާ ފަރާތްތަކުން އަންނަނީ ބުނަމުން ނެވެ.
ޑެޕިއުޓީ މޭޔަރު ކަމަށް ވަޑައިގަތުމާ ގުޅޭ ގޮތުން ޝުޖާއު މިހާތަނަށް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ޝުޖާއަކީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ އެއް ނައިބު ރައީސް އެވެ. އަދި ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވަނީ ވެސް ޝުޖާއު އެވެ.
ލާމަރުކަޒީ ނިޒާމު ތައާރަފުވެގެން އެންމެ ފުރަތަމަ ބޭއްވި ތިން ކައުންސިލް އިންތިޚާބުގައި ވެސް މާލޭގެ މެޖޯރިޓީ ނެގީ މިހާރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއިންނެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި ހަތަރުވަނަ ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވަނީ މާލެއިން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފަ އެވެ.