ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހަށް ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުންނަށް 15 ދުވަހުގެ ނޯޓިސް ދިނުމުން، އެ މެންބަރުންގެ ބަޔާންތައް އާންމުކޮށްފި އެވެ.
އެ މެންބަރުންނަކީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރާއި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމާއި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިންގެ އިތުރުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު އެވެ.
މަޖިލީހުގެ ވެބްސައިޓްގައި މިހާރު ވަނީ އެ ހުރިހާ މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފަ އެވެ.
މަޖިލީހުގެ ގަވާއިދަށް މި މަޖިލީހުން ގެނައި އިސްލާހާއެކު މާލީ ބަޔާން ހުށަހަޅަންޖެހޭނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު 31، ގެ ނިޔަލަށެވެ. އެ ފަސް މެންބަރުންނަށް ނޯޓިސް ދިނީ އެ ތާރީހަށް ބަޔާންތައް ހުށަނޭޅުމުންނެވެ.
މާލީ ބަޔާން ހުށަނޭޅި ވާހަކަ ނޫސްތަކުގައި ރިޕޯޓްކުރުމުން މެންބަރު ނިޒާރު ވަނީ ކޯފާ އިސްކުރައްވައި މީޑިއާ ކޮންޓްރޯލް ކުރާ ބިލް ފާސްކުރުން އަވަސްކުރުމަށް ގޮވާލާފަ އެވެ.
މާލީ ބަޔާނުން އެނގޭގޮތުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއަށް ހަދިޔާގެ ގޮތުގައި އަގުބޮޑު ފްލެޓެއް ލިބިފައިވެ އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ހަދިޔާގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބިފައިވެ އެވެ.