ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާ އެކު ނިންމާލައިފިއެވެ.
ހަތަރު އުމުރުފުރާއެއްގެ ޖުމްލަ 1000 އަށްވުރެ ގިނަ ކުދިން ބައިވެރިވި މި ދުވުން އޮތީ މިއަދު ހަވީރު ހުޅުމާލޭގައެވެ.
މިދުވުމުގެ އުމުރުފުރާތަކަކީ:
- 2 އަހަރާއި 3 އަހަރާ ދެމެދު
- 4 އަހަރާއި 6 އަހަރާ ދެމެދު
- 7 އަހަރާއި 9 އަހަރާ ދެމެދު
- 10 އަހަރާއި 16 އަހަރާ ދެމެދު
ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ. ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް އާއި ޗެއާޕާސަން އަހްމަދު އަލީ ހަބީބް އަދި ބޭންކުގެ އޮފިޝަލުން ދުވުން ނިންމި ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވި އެވެ.
ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ކުޑަކުދިންނާއި ބެލެނިވެރީންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ ދުވުމެކެވެ. މި އިވެންޓުގެ މަގްސަދަކީ ޖިސްމާނީ ދުޅަހެޔޮކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ މުހިންމުކަން ފާހަގަކޮށް، އާއިލާތަކަށް މިފަދަ އާދަތައް އަށަގެންނެވުމަށް ހިތްވަރުދިނުމެވެ.