އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތައް ކުރައްވާ ރަސްމީ ދަތުރުފުޅާ ދިމާކޮށް ލަންޑަންގެ މަގުތަކުގައި ޓްރަމްޕާ ދެކޮޅު ބޮޑެތި މުޒާހަރާތަކެއް ބާއްވައިފި އެވެ.
ލަންޑަނާއި ވިންޑްސޯގެ މަގުތަކުގައި މުޒާހަރާ ކުރާ ފަރާތްތަކުން އަޑުއުފުލަމުން ގެންދިޔައީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ ލާއިންސާނީ ޖަރީމާތަކަށް އެމެރިކާއިން އެހީތެރިވެދީ ހިތްވަރުދިނުމާ ދެކޮޅަށާއި ޓްރަމްޕް ރެފިއުޖީންނާއި މެދު ގެންގުޅުއްވާ ސިޔާސަތު ތަކާމެދު އެވެ.
މުޒާހަރާތައް ކުރަމުން ދިޔަނަމަވެސް ރަސްގެފާނު ޗާލްސް ވަނީ ރަސްމީ އިއްޒަތުގައި ރައީސް ޓްރަމްޕަށް މަރުހަބާ ދަންނަވާފަ އެވެ. އަދި އެމެރިކާގެ ޑެލިގޭޝަނާއެކު ރަސްމީ ބައްދަލުވުމާއި ހާއްސަ ހަފްލާތައް ވަނީ ބާއްވާފަ އެވެ.
ރަސްމީ ހަފްލާތައް ލަންޑަނުގެ މުޒާހަރާތަށް ނުފެންނަ ހިސާބުގައި ބާއްވާފައިކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ވިންޑްސޯ ކާސަލް ކައިރީގައިވެސް މުޒާހަރާ ކުރި އެވެ. އޭގެ ތެރެއިން ބައެއް މީހުން ފުލުހުން ހައްޔަރުކޮށްފައި ވާއިރު، ގިނަ ބަޔަކު ވަނީ ޓްރަމްޕްގެ ސިޔާސަތުތަކަށް ފާޑު ކިޔާ ބެނާތަކާއި ކާޓޫނުތައް ހިމެނޭ ބޯޑުތަކާއެކު ޝުއޫރު ފާޅުކޮށްފަ އެވެ.
ޓްރަމްޕް އިނގިރޭސިވިލާތައް ވަޑައިގެންފައި މިވަނީ އެ ގައުމުގެ ބޮޑުވަޒީރު ކިއާ ސްޓާމާއަށް ސިޔާސީ ގޮތުން ގޮންޖެހުން ބޮޑުވެފައިވާ ދުވަސްވަރެއްގައިކަން ފާހަގަކޮށްލެ ވެއެވެ. ޖެފްރީ އެޕްސްޓީން އާއި ގުޅުން ބޭއްވި ކަމުގެ ތުހުމަތުގައި ސްޓާމާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން ވޮޝިޓަންގައި ހުންނަ ޔޫކޭ ސަފީރު ޕީޓާ މެންޑަލްސަން މަގާމުން ވަކިކޮށްފަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ޖިންސީ ބޭނުމަށް ކުޑަކުދިންގެ އިންސާނީ ވަގުފާރިކުރުމުގެ ތުހުމަތު ކުރެވުނު އެމެރިކާގެ ބިލިއަނަރު ޖެފްރީ އެޕްސްޓީން އާއި ރައީސް ޓްރަމްޕާވެސް ގުޅުން އޮތްކަމަށް ބުނެ މިފަހުން ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.