ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކޮށްފި އެވެ.

މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި މާލީ މުޢާމަލާތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކޮންގް ޝިއަންގްވާ، ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބު އަދި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ ބޯޑު މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދު ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކުރި ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

• ޗައިނީސް ޔުއާން އެކައުންޓް: އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން ކަރަންޓް އެކައުންޓް ހުޅުވޭ ގޮތް ހަމަޖެއްސުން.

• ޗައިނީސް ޔުއާން އިން އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ) ހިދުމަތް: ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ) ފޮނުވުމާއި ޗައިނީސް ޔުއާން އިން ރާއްޖެއަށް ފައިސާ ލިބޭ ގޮތް ހަމަޖެއްސުން.

• ލެޓާ އޮފް ކްރެޑިޓް (އެލްސީ): އިމްޕޯޓް ކުރާ ފަރާތްތަކާއި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ޗައިނީސް ޔުއާން އިން އެލްސީ ހެދޭ ގޮތް ހަމަޖެއްސުން. މީގެ ސަބަބުން ޗައިނާގެ ކުންފުނިތަކާއެކު ވިޔަފާރީގެ މާލީ މުޢާމަލާތްތައް ކުރަން ފަސޭހަވެގެންދާނެ.

• ވީޗެޓް ޕޭ: ބީއެމްއެލްއިން ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ވިސާ އަދި މާސްޓާކާޑު ޑެބިޓްކާޑުތަކާއި ކްރެޑިޓް ކާޑުތައް ވީޗެޓް ޕޭއަށް އެޑްކޮށް ޗައިނާގެ މާޗަންޓުންނަށް ފައިސާ ދެއްކޭނެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ޕޭމަންޓް ޕްލެޓްފޯމްގައި ދިވެހީންނަށް ފަސޭހައިން ފައިސާގެ މުއާމަލާތް ކުރުމަށް ހުޅުވިގެންދާ ފުރުސަތެއް. މީގެ އިތުރުން ކަސްޓަމަރުންނަށް ޔޫއެސްޑީ ޑެބިޓް، ޔޫއެސްޑީ ކްރެޑިޓް އަދި ޓްރެވަލް ކާޑުތައްވެސް ވީޗެޓް ޕޭއަށް އެޑްކުރެވޭނެ.

• ވީޗެޓް ވޮލެޓް: ފުރަތަމަ ފަހަރަށް، ކަސްޓަމަރުންނަށް ވީޗެޓް ވޮލެޓަށް ޗައިނީސް ޔުއާން އިން ފައިސާ ލިބޭ ގޮތް ހަމަޖައްސައި، ވޮލެޓްގައި ހުންނަ ޗައިނީސް ޔުއާން ބޭނުންކޮށްގެން ޗައިނާގައި ފައިސާ ދެއްކޭނެ. އަދި ވީޗެޓް ވޮލެޓް މެދުވެރިކޮށް އެހެން ފަރާތްތަކަށް ޓްރާންސްފާ ވެސް ކުރެވޭނެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިއީ ރާއްޖޭގެ މާލީ ދާއިރާ ޒަމާނީކުރުމުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ބީއެމްއެލް ސީއީއޯ ޝަރީފް ވާހަކަދައްކަވަނީ ---

"ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދާއި އެންމެ ގިނައިން ބޭނުންކުރާ އެއް ޕްލެޓްފޯމާ ގުޅުވާލުމުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ. މި ޚިދުމަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ވިޔަފާރި މުޖުތަމައުއަށް ހަރުދަނާކަމާއެކު ވިޔަފާރިކުރެވި، އަދިފަރުދުންނަށް މިހާތަނަށް ނުލިބޭވަރުގެ ފަސޭހަތަކެއް ލިބިގެންދާނެ. މިއީ އައު އީޖާދީ ހައްލުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ރަމްޒެއް." ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޔުނިއަންޕޭ ކާޑުތައް ބީއެމްއެލް އިން ދޫކުރަން ފަށާނެ ކަމަށްވެސް މި ރަސްމިއްޔާތުގައި ވަނީ ހާމަކޮށްފަ އެވެ. މި ކާޑު ފަރުދުންނަށާއި ވިޔަފާރިތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ކާޑަކީ ދުނިޔޭގެ 180 އަށްވުރެ ގިނަ ގައުމުގައި ބަލައިގަންނަ، ގްލޯބަލް ޕޭމަންޓް ނެޓްވަރކްގައި ބޭނުންކުރެވޭނެ ކާޑެކެވެ.