ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރުކުރުމާ މެދު ގޮތެއް ނިންމަން ހަމަޖައްސައިފި އެވެ.

ޔާމީނަށް ދައުވާކުރަނީ ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކޮށެވެ.

އެ މައްސަލާގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިމި، ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުމަށް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލްކުރި އަޑުއެހުމުގައި ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ އޭސީޕީ ރިޔާޒް ހެއްކެއްގެ ގޮތުގައި ކޯޓަށް ހާޒިރު ކުރުމަށާއި އޭނާގެ އޯޑިއޯއެއް ކަމަށް ބުނެ ކުރިން ލީކުވެފައިވާ އޯޑިއޯ ހާމަކުރަން އެދިފަ އެވެ. އެ އޯޑިއޯއަކީ ޔާމީނާއެކު އެ މައްސަލާގައި ދައުވާ ލިބުނު އަހުމަދު ކްރިކް ރިޒާއަށް އޭސީޕީ ރިޔާޒް ތަހުގީގުގައި ނުފޫޒު ފޯރުވި ކަމަށް ބުނާ އޯޑިއޯއެކެވެ.

އެގޮތަށް އެދުމަށްފަހު ޔާމީންގެ ވަކީލުން އެދުނީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުން އެއްކޮށް ކުރިއަށް ގެންދިއުމަށެވެ.

ދައުލަތުން ބުނީ އެ ހެކި ބަލައިގަތުމާ މެދު ޗެލެންޖް ކުރުމުގެ ފުރުސަތެއް ދައުލަތުން ބޭނުންވާ ކަމަށެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ރިޔާޒް ހާޒިރު ކުރުމާއި އޯޑިއޯއާ ބެހޭގޮތުން ހުށަހެޅި ކަންކަމާ މެދު ފަހުން ގޮތެއް ނިންމުމަށެވެ. އެހެންވެ, ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ބައި މިއަދު ކުރިއަށް ނުގެންދެ އެވެ.

ވ. އާރަށް މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރެ އެވެ. އެ މައްސަލާގައި އެ މަނިކުފާނާއި މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރިން ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް އެ ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ އަލުން ބަލަން އަމުރުކޮށްފައިވެ އެވެ.