ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރ. އަލިފުށީގައި މިއަދު އާ ބްރާންޗެއްގެ ބިންގާ އަޅައިފި އެވެ.
މިއީ މުޅި އަތޮޅަށް ދެމުންދާ ބޭންކިން ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަލަށް ގާއިމްކުރުމަށް ހަމަޖެހިފައިވާ ބްރާންޗެކެވެ.
މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އަލިފުށީގައި އާ ބްރާންޗެއްގެ ބިންގާ އެޅިގެން ދިޔުމަކީ ރ. އަތޮޅުގައި އެ ބޭންކުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ
"މި އައު ބްރާންޗުގެ މަސައްކަތް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ނިންމާލެވޭނެ، މިއާއެކު މިރަށުގެ ރައްޔިތުންނަށް މިހާރަށްވުރެވެސް ގާތުން، ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބޭނެ." ޝަރީފް ވިދާޅުވި އެވެ.
މިހާރުވެސް ބޭންކުން އަންނަނީ ރ. އަތޮޅުގެ އުނގޫފާރާއި ދުވާފަރާއި މީދޫގައި ގާއިމުކޮށްގައިފައިވާ ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެމުންނެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 179 ސެލްފްސާވިސް ބޭންކިން ސެންޓަރު، 237 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.