އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު، 11،000 ފްލެޓްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދިޔަ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ އެކަމުގެ ތަފްސީލު ހިއްސާކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި އެ މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގެ ލޯނުގެ ދަށުން އިތުރު 4000 ފްލެޓް އެޅުމާއި އަދި އިތުރު 2000 ފްލެޓް އެޅުމުގެ މަސައްކަތް ހިމެނެ އެވެ.

"އިތުރު 4000 ފްލެޓް އެޅުމަށްޓަކައި ފައިސާ ހޯދައި ސޮއިކޮށްފަ އޮންނާނީ. އިތުރު 2000 ޔުނިޓް އެޅުމަށްޓަކައި ވެސް ސޮއިކޮށްފަ އޮންނާނީ. މީގެއިތުރުން އެޕޯލޯއާ ކޮންޓްރެކްޓްކޮށްގެން 1000 ޔުނިޓް ނިމެމުން އެދަނީ. ޖުމްލަ 11،000 ހައުސިން ޔުނިޓްގެ މަސައްކަތް އެހެރީ އޮންގޮއިން އާއި އެކި ސްޓޭޖްތަކުގައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ 60،000 ހައުސިން ޔުނިޓް އަޅާނެ ކަމުގެ ވައުދާއެކު ކަމަށާއި ނަމަވެސް އެކަން ހަގީގަތަކަށްވާ މަންޒަރު ނުފެންނަ ކަމަށެވެ. އަދި އެކަމުގެ ރުޅި ބާލަމުންދާ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

"މި ބޭފުޅުން މި ވަޑައިގަތީ 60،000 ހައުސިން ޔުނިޓް އަޅާނަމޭ ކިޔާފައި ވައުދުވެގެން ދެއްތޯ. މިހާތަނަށް އައިއިރުގައި އެއްވެސް ކަމެއް، މިއިން އެއްވެސް ކަމެއްގެ އަމަލީ މަސައްކަތް ނުފެށުނީމާ މި އަންނަ ރުޅިގަނޑު މި ބާލަނީ އެނގޭތޯ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ފްލެޓްތަކަށް އެޑްވާންސްގެ ގޮތުގައި ފައިސާ ނަގައި ކުލި ބޮޑުކުރަން ނިންމި ނިންމުން މިއަދުވެސް އެމަނިކުފާނު ކުށްވެރިކުރެއްވި އެވެ.