ރައީސް ޑރ މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ވެރިކަމުން އަޒުލު ކުރައްވައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްއާ ވެރިކަން ހަވާލު ކުރެއްވުމަށް ޕީއެންސީގެ މަޖިލިސް މެންބަރުންނަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ގޮވައިލައްވައިފި އެވެ.

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އެ ޕާޓީގެ ކުއްލި ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއަކީ ޓެރަރިޒަމް ހަރަކާތެއްގެ ގޮތުގައި ސިފަކުރައްވައި ހުސެއިން ޕޯސްޓެއް ކުރެއްވީ ވަރަށް ބޮޑު ޕްރެސަރެއް އޮވެގެން ކަމަށެވެ. އަދި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއަކީ ހުސެއިންގެ އެއްވެސް ބައިވެރިވުމެއް އޮތް މުޒާހަރާއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ނައިބުރައީސް ހުންނެވީ ވެރިކަމާ ހަވާލުވާން ތައްޔާރަށް ކަން އެނގޭ ކަމާއި އަދި ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މިހާރު މިހުރި ނުބައި އަނިޔާވެރި ގަމާރު ތަންދޮރު ނޭނގޭ މުޅި ދިވެހިރާއްޖޭގެ އިގުތިސާދާއި މުޅި ދިވެހިރާއްޖޭގެ ދައުލަތް ފުނޑުފުނޑުކޮށްލަމުން މިދާ ޑރ. މުއިއްޒު އަޒުލު ކުރައްވައި ނައިބު ރައީސްއާ ވެރިކަން ވަގުތުން ހަވާލު ކުރުމަށް ގޮވާލާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީން ބޭއްވި މުޒާހަރާއަކީ ރައްޔިތުންގެ ބާރާއި، ހިޔާފާޅުކުރުމުގެ ހައްގުގެ ނިވަލުގައި ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގި ޓެރަރިޒަމް ހަރަކާތެއް ކަމަށް ވިދާޅުވެ އެކްސްގައި ހުސެއިން ޕޯސްޓެއް ކުރެއްވުމުންނެވެ.

ހުސެއިން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގިނަ ރައްޔިތުންތަކެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑާޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއް ކަމަށެވެ.

އެމްޑީޕީން ހުކުރު ދުވަހުގެރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި އެތައް ހާސް ރައްޔިތުންނެއް ބައިވެރިވެ މި ސަރުކާރާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހޭކަން ވަނީ ހާމަކޮށްފަ އެވެ. އެ މުޒާހަރާ މަޖީދީ މަގުން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރުމުން ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ.

އެ މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުން ވަނީ ސީލްޑުތަކާއެކު ނުކުމެ މުޒާހަރާގެ ބައިވެރިންގެ ގަޔަށް އެތައް ފަހަރެއްގެ މަތިން ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އެވަރުން ވެސް މުޒާހަރާގެ ބައިވެރިން ފަހަތަށް ނުޖެއްސުމުން ފުލުހުން ވަނީ ބާރުގަދަ ތޫލި އަޑު އިއްވާ "ސޮނިކް ވެޕަން" ދެ ފަހަރެއްގެ މަތިން ގިނަ އިރުތަކެއްވަންދެން ބޭނުން ކޮށްފަ އެވެ.