އދ. މާމިގިލީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތް ފުޅާކުރުމަށް އެ ރަށުގައި ބީއެމްއެލްގެ އާ ބްރާންޗެއްގް ބިންގާ މިއަދު އަޅައިފި އެވެ.
އެ ރަށުގައި މިއަދު ބޭއްވި ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒާއި ބައެއް ވަޒީރުން އަދި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ސީއީއޯ މުހައްމަދު ޝަރީފް އަދި ބޭންކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މާމިގިލީގައި ގާއިމުކުރާ އާ ބްރާންޗްގެ ބިންގާ އަޅައި، މުޅި އަތޮޅުގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމަށް ބީއެމްއެލް އިން ކުރަމުން އަންނަ މަސައްކަތާ އެކު، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ އދ. އަތޮޅަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ބޭންކުގެ ހިދުމަތްތައް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށެވެ.
ބީއެމްއެލްގެ އަމާޒަކީ ކުރިއަށް އޮތް ފަސް މަހުގެ ތެރޭގައި އެ އިމާރާތުގެ މަސައްކަތް ނިންމައި ހިދުމަތްދޭން ފެށުމެވެ.
މާމިގިލީގައި މިހާރު އޭޓީއެމް ހުންނަނީ އެއާޕޯޓް ސަރަހައްދުގައި އެކަންޏެވެ. އެ ރަށަކީ އާބާދީ ބޮޑު ރަށަކަށްވުމާއެކު ރަށު ތެރޭގައި އިތުރު އޭޓީއެމްތަކެއް ގާއިމްކުރާނެ ކަމަށް ވެސް ބީއެމްއެލްގެ ސީއީއޯ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު ބީއެމްއެލް އިން އަންނަނީ 20 އަތޮޅުގައި 42 ބްރާންޗު ހިންގަމުންނެވެ.
މީގެ އިތުރުން އެ ބޭންކުގެ 190 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 248 އޭޓީއެމް އަދި ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން މިހާރު ވެސް އަންނަނީ އދ. މަހިބަދޫގައި ގާއިމުކޮށްފައިވާ އެ ބޭންކުގެ ބްރާންޗު މެދުވެރިކޮށް އެ އަތޮޅުގެ ރައްޔިތުންނަށް ހިދުމަތް ދެމުންނެވެ.