ޕީއެންސީއަށް ނިސްބަތްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏަށް ނުހައްގުން ބަދަލުދިން ކަމަށް ތުހުމަތުކޮށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އަންގައިފި އެވެ.

ފައްޔާޒާއި އަމީރަށް އޭސީސީން ފޮނުވާފައިވާ ޗިޓްގައި ވަނީ އެ ދެ ބޭފުޅުން ހާޒިރުކުރަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެކަށީގެންނުވާ ބަދަލެއް ދިނުމަށް އޮލްޓަނޭޓް ޑިސްޕިއުޓް ރެސޮލިއުޝަން ކޮމިޓީން 2019 ވަނަ އަހަރު ނިންމި ނިންމުމާ ގުޅިގެން ކަމަށެވެ.

އެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ފައްޔާޒާއި އަމީރަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ސްވިފްޓް ކުންފުންޏަށް ލިބެންނުޖެހޭ މަންފާއެއް ހޯދައިދީފައިވާ ކަމަށް އޭސީސީން ތުހުމަތު ކުރެ އެވެ. އަދި އެކަމުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށް ވެސް އޭސީސީން ތުހުމަތުކޮށްފައިވެ އެވެ.

ފައްޔާޒު ހާޒިރުކުރަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30 އަށެވެ. އަމީރު ހާޒިރުވާން އެންގި ގަޑި އަދި ކަށަވަރެއް ނުވެ އެވެ.

މިދިޔަ ސަރުކާރުން ބަދަލުދިން މައްސަލަ ތަހުގީގުކުރަން އެންގެވީ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފެވެ.