ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިޔާވެހި ފައިންނޭންސިން ސްކީމުގެ ޕްރޮޖެކްޓްތައް އެޕްރޫވް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ ހިޔާވެހި ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތް ކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުކަމަށްވާ ފަސް ޕަސެންޓްގެ ރޭޓުގައި ފައިނޭންސިން ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ.
މި ސްކީމުގެ ދަށުން:
- ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދުވަހަށް ބަހާލެވޭ (18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން)
- އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ 20 ޕަސެންޓް ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށްވެސް ހަމަޖެއްސޭނެ
- އިމާރަތް ކުރާ ތަން ފިޔަވާ އިތުރު ރަހުނެއް ބޭނުމެއް ނުވޭ
ބީއެމްއެލްގެ ސީއީއޯ އަދި މޭނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުންނާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްއަކީ މި ގައުމުގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޭންކެއް ކަމަށެވެ.
"ގައުމީ ބޭންކުގެ ހައިސިއްޔަތުން އަޅުގަނޑުމެން ނަގަންޖެހެނީވެސް ވަރަށް ބޮޑު ޒިންމާއެއް. އެއީ ރައްޔިތުންނަށް ފައިދާކުރަނިވި މަޝްރޫޢުތަކަށް އެހީތެރިވުމުގެ ޒިންމާ. ބޭންކުގެ ކުރިއެރުމަކީ ގައުމުގެ ކުރިއެރުމާ ވަކިން އޮތް ކަމެއް ނޫން. ހަގީގީ މަންޒަރަކީ ބީއެމްއެލްގެ ދުޅަހެޔޮކަމާއި ކުރިއެރުން ގުޅިފައިވަނީ ދިވެހި އިގްތިސާދާކަން. އެހެންކަމުން ހިޔާވެހި ފައިނޭންސިންގ ސްކީމް ތައާރަފުކުރުމާއެކު، މިއީ ގައުމީ ބޭންކުން އެހީތެރިވާންޖެހޭ ކަމެއްކަމަށް އަޅުގަނޑުމެން ނިންމިން. އަޅުގަނޑުމެންނަކީ އަބަދުވެސް މުހިންމު ގައުމީ މަޝްރޫޢުތަކުގައި ހަރަކާތްތެރިވާ ބޭންކެއް." ޝަރީފް ވިދާޅުވި އެވެ.
ބޭންކުން މިހާރުވެސް ދަނީ 1،400 އަށްވުރެ ގިނަ އެޕްލިކޭޝަން ބަލައި، ޕްރޮސެސް ކުރަމުންނެވެ. ފައިނޭންސިންގ އަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން https://gedhoruverin.gov.mv/ މެދުވެރިކޮށް އެޕްލިކޭޝަން ސްޓޭޓަސް ބަލައިލެވޭނެއެވެ.