ކިތަންމެ ވަރަކަށ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކުރިޔަސް ރައީސް މުހައްމަދު މުއިއްޒު ފަދަ ޚުދުމުޚްތާރު ވެރިޔަކަށް ބޯ ނުލަނބާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏަށް ހައްގު ނޫން ބަދަލެއް ދިން ކަމަށް ތުހުމަތުކޮށް އާދީއްތަ ދުވަހުގެ 2:30 އަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން އަމީރަށް ވަނީ އަންގާފަ އެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ 2019 އިން 2023 އަށް މާލީ ވަޒީރުކަމުގައި މަސައްކަތްކޮށްފައި ވާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށެވެ.

ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި ވަޒީރުކަމުގައި ކޮންމެކަމެއްވެސް ނިންމާފައި، ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ޔަގީންކަން ނަފްސާއި މެދު އެބައޮތް،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކުރަނީ އެ ކޮމިޝަނުގެ ރައީސާއި މެންބަރުންގެ ވަޒީފާގެ ދިފާއުގައި ކަމަށެވެ. އެ ކޮމިޝަނުގެ ރައީސާއި މެމްބަރުންގެ ވަޒީފާގެ ދިފާއުގައި ބޭއިންސާފުން މީހުން ފްރޭމްކުރަން ކުރާ މަސައްކަތް ހުއްޓާލަން އަމީރު ގޮވާލެއްވި އެވެ.

ކިތަންމެ ވަރަކަށް ބިރުދައްކަން އުޅުނަސް އެއްވެސް ބިރެއް ނުގަންނަ ކަމަށާއި ބޯ ގުދުކުރާނީ ހަމައެކަނީ އާލަމްތަކުގެ ވެރި މާތްﷲ އަށް ކަމަށް އަމީރު ވިދާޅުވި އެވެ. އަދި މުއިއްޒު ކަހަލަ ޚުދުމުހްތާރު ވެރިޔަކަށް ބޯނުލަބާނެ ކަމަށާއި ކުރާނެ ކަމެއް ކުރަން ވީ ކަމަށް ވެސް ވިދާޅުވި އެވެ.