އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓާއި އެއް މޭލު ބޭރުން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާ ވެސް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ، މަރުވެފައި އޮއްވައި ފެނުނީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް އަދި ނޭނގެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައި އޮއްވައި ފެނުނު ފުރަތަމަ މީހަކީ ގއ. ދާންދޫ، ސަރުސޫނުގެ، އަހްމަދު ޝިފާން،38 ކަމަށެވެ.

އޭނާގެ އިތުރުން ކޮޅުވެއްޓިން ގެއްލުނީ ބަންލަދޭޝް އަދި އިންޑިއާ މީހެކެވެ.

އޭނާ މަރުވެފައި އޮއްވައި ފެނުނީ ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކަށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

"އަލްމާކް ފިޔަ" ނަމަކަށް ކިޔާ އެ ކޮޅުވެއްޓިން ޖުމްލަ ހަތް މީހުން ދަތުރުކުރި އެވެ. އޭގެތެރެއިން ހަތަރު މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ. ގެއްލު އިތުރު ދެ މީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލީ ރޭ މެންދަމު 3:48 ހާއިރު އާއިލާފުށި ރިސޯޓާ އެއް މޭލު ބޭރަށް ކަމަށެވެ.