އައިޖީއެމްއެޗަށް ޒިޔާރަތްކުރާ މީހުން ދަތުރުކުރާ ޓެކްސީތައް މަޑުކުރަން އެމްޑަބްލިއުއެސްސީގެ އެހީގައި ހެދި ޓެކްސީ ކިއުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވަޑައިގެންނެވުމަށް ބައެއް މީހުން ޖޯކު ޖަހަން ފަަށައިފި އެވެ.

ކަނބާ އައިސާރަނި ހިނގުމުން އައިޖީއެމްއެޗަށް ވަންނަ ގޭޓް ކުރިމަތީގައި ހެދި ޓެކްސީ ސްޓޭންޑްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށްފަހު ފައިސަލް ވަޑައިގެންނެވިއިރު، އެތަނުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު އަދި އައިޖީއެމްއެޗްގެ އިސްވެރިން ވެސް ތިއްބެވި އެވެ.

އައިޖީއެމްއެޗްގެ ޓެކްސީ ސްޓޭންޑްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ނައިބު ރައީސް ވަޑައިގެންނެވުމުން ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި އެ މަނިކުފާނަށް ޖޯކު ޖައްސަވަމުންނެވެ. ބައެއް މީހުން ބުނެފައި ވަނީ "އެ ކަކުންޏެއް ހަރުކޮންނާނީ އެ ކަކުންޏެއްގެ ވަރުން" ކަމަށެވެ.

ޒާހިދު ރަމީޒު ކިޔާ މީހަކު ޓުވިޓާގައި ބުނެފައި ވަނީ "ކުރީ ސަރުކާރުގައި ތަރައްގީކުރި ބޮޑެތި ހޮސްޕިޓަލްތަކުގެ މަސައްކަތް ދާގޮތް ބަލާލަން އޭރުގައި ވެރިން ދަނީ" ކަމަށެވެ

"މިސަރުކާރުން މިދަނީ ހޮސްޕިޓާ ދޮރުމަތީ ހަދާ ޓެކްސީ ސްޓޭންޑް މަސައްކަތް ދާގޮތް ބަލާލަން. ރަނގަޅުދެން އެބައެއްގެ ފެންވަރުންތާ އެބަޔަކު އުޅޭނީ،" އޭނާ ބުނެފައިވެ އެވެ.

ޒާހިދު އެހެން ބުނުމުން ބައެއް މީހުން ދަނީ މަލާމާތުގެ ރާގަކަށް ހީ، އިމޯޖީތަކުން ރިޕްލައިކުރަމުންނެވެ.

އެމްޑަބްލިއުއެސްސީން އެ ޕްރޮޖެކްޓް ކުރިޔަށް ގެންދަނީ އެ ކުންފުނީގެ ސީއެސްއާރު ބަޖެޓުން ކަމަށް ބުނެފައިވެ އެވެ.