ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމު އިރުއިރުކޮޅާ ބަދަލު ނުކުރެވޭނެ ކަމަށް ވިދާޅުވެ ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫން އަބްދުލްގައްޔޫމް، ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ރައްދު ދެއްވައިފި އެވެ.

ރައީސް މައުމޫން ރައީސް ނަޝީދަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ހިނގަމުންމިދާ ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް ކަމަށެވެ. އެހެންކަމުން ނިޒާމު އިރުއިރުކޮޅާ ބަދަލު ނުކުރެވޭނެ ކަމަށެވެ.

މީގެ ކުރިންވެސް ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަކަށް ރައްދުދެއްވުމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވެރިކަން ހިންގުމުގެ ނިޒާމާ ގުޅޭގޮތުން ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު އޭރު ރައީސް މައުމޫންގެ ސަރުކާރުން އޮޅުވާލާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވަނީ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހަށް އިއްޔެ މެސެޖެއް ފޮނުއްވާފައެވެ. އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނުބޭއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި އެމަނިކުފާނު ބޭނުންފުޅު ވަނީ ހަވާސާގައި ނުހުރެ، ގައުމު ހިންގުމާ ހަވާލުވުމަށް ކަމަށް ވެސް މެސެޖުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އެކިފަރާތްތަކުން ދަނީ ރައީސް ނަޝީދަށް ރައްދު ދެއްވަމުންނެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ސަރުކާރާ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރޮޓީ އޮވެ، އިންތިޚާބެއް ނުބާއްވާ ވެރިކަމުގެ ނިޒާމު ފުރޮޅާލަން އުޅުމަކީ އެންމެ ޚުދުމުޚުތާރު ސިސްޓަމްތަކުގައި ކަންކުރާ އުސޫލެވެ.

ބައެއް ގާނޫނީ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާސީ ނިޒާމަކުން އިންތިޚާބުވި މަޖިލީހަކަށް ބަރުލަމާނީ ވެރިކަމެއް ނުކުރެވޭނެ އެވެ. އަދި މިހާރު ހިނގަމުން މިދާ މަޖިލީހުގައި ވަޒީރުކަން ކުރެވޭނެ އެއްވެސް މީހަކު ނެތްކަމަށް ވެސް ބައެއް ފަރާތްތަކުންދަނީ ބުނަމުންނެވެ.

ރައީސް ނަޝީދު ރައީސް ސޯލިޙަށް ފޮނުއްވި މެސެޖާ ގުޅޭގޮތުން ރައީސް އޮފީހުން އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން 23 ގައި ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވެފައި ވަނީ، ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެ މުހިއްމު ކަންކަން ކުރައްވަން ޖެހިވަޑައިގެންފައި އެބަހުރި ކަމަށާއި، ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގައި ދެން ވެސް ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ. ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައީސް ސާލިޙުގެ މި ޚިޔާލުފުޅު ބަދަލުކުރެއްވި ކަމެއް އަދި ސާފެއް ނޫނެވެ.