ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ އިންތިހާބުކޮށްފި އެވެ.

އެ ޕާޓީގެ ރައީސް ކަމަށް ޔާމީން އިންތިހާބު ކުރީ އާޓިފިޝަލް ބީޗުގައި ބޭއްވި ގައުމީ ޖަލްސާގަ އެވެ. ޕީއެންއެފްގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ޔާމީން އެކަންޏެވެ.

ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ވަނީ ޕާޓީގެ ދެ ނައިބު ރައީސުންގެ އިތުރުން ރެޖިސްޓްރާ އަދި ސެނެޓުގައި ތިބޭ 14 މެންބަރުން އިންތިހާބުކޮށްފަ އެވެ.

ޕީއެންއެފްގެ ނައިބު ރައީސުންނަށް ހަމަޖެއްސީ ޒޭން އަބްދުﷲ ޔާމީން އާއި ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. ނައިބު ރައީސުންގެ މަގާމަށް އިތުރު ބޭފުޅުން ކުރިމަތިލައްވާފައިނުވާތީ އެ ބޭފުޅުން ވަނީ އޮޓަމެޓިކުން އެ މަގާމަށް އިންތިހާބުވެފަ އެވެ.

ޕީއެންއެފްގެ ގައުމީ ޖަލްސާގެ ތެރެއިން

އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އިންތިހާބުކޮށްފައިވާއިރު، ޓްރެޒަރާގެ މަގާމަށް މުލީއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ މުހައްމަދު ވަނީ އިންތިހާބުކޮށްފަ އެވެ.