އާބާދީއަށް ބަލައި ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރަން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲއެވެ.
އެ އިސްލާހުގައިވާގޮތުން ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ އެ ރަށަކުން އިންތިހާބު ކުރާނީ އެންމެ ތިން ކައުންސިލަރުންނެވެ. މިހާރު އޮންނަ ގޮތަށް ފަސް ކައުންސިލަރުން ހޮވާނީ 2000 އަށް ވުރެ ބޮޑެތި އާބާދީތަކުންނެވެ.
ތިން ކައުންސިލަރުން ހޮވާ ރަށްތަކުގައި މަދުވެގެން އެއް މެންބަރަކީ އަންހެނަކަށް ވާންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ. އަދި ފަސް ކައުންސިލަރުން ހޮވާ ރަށްރަށުގައި ދެ ކައުންސިލަރުންނަކީ އަންހެނުންނަށް ވުން ލާޒިމެވެ.
ހަތް މެންބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނޭ މެންބަރުން
- ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
- މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
- ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު
- ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
- ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު
- ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު
- ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ
އެ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ކައުންސިލަރެއް ހުންނަން ޖެހޭގޮތަށް ހިމެނުން ވެސް ހިމެނެ އެވެ.
ފުވައްމުލަކުގައި، މޭޔަރުގެ އިތުރުން، ގާނޫނުގެ ދަށުން އިންތިޚާބު ކުރުން ލާޒިމު އަންހެން މެމްބަރުން ހިމެނޭ ގޮތުން، ސިޓީގެ އަށް އަވަށުގެ ތެރެއިން ކޮންމެ އަވަށަކަށް އެއް ގޮނޑީގެ ނިސްބަތުން އިންތިހާބު ކުރެވޭ ކައުންސިލަރަކު ހުންނަން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
މީގެއިތުރުން މާލޭ ސިޓީ ކައުންސިލަށް ގެންނަ އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އިދާރީ ދާއިރާއަކަށް ކައުންސިލަރަކު ހުންނަންޖެހޭ ގޮތަށް ހެދުމެވެ.
ދިރާގުން "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން ހާސިލުކޮށްފި
