ހުޅުމާލޭގައި ހުރި ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގައި 800 ގްރާމް ހުރި 78 ބުލެޓްގެ މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ނަގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވައި ފެނުނު ނޭޕާލްގެ ފިރިހެން މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ނެތް ކަމަށެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގެ ސީޓީ ސްކޭން ހެދިއިރު ގޮހޮރުގައި މަސްތުވާތަކެތި ހުރި ކަމަށް ފާހަގަވި ކަމަށް ފުލުހުން ބުންޏެވެ.

އެކަމުގައި ގާނޫނީ ގޮތުން އަމަލު ކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހޯދުމަށްފަހު، މިދިޔަ އަންގާރަ ދުވަހު އެ މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާ އެކު ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެމީހާގެ ހަށިގަނޑު ފަޅައިގެން އެ ތަކެތި ނަގާފައިވަނީ ހުޅުމާލޭ ސަހަރާގަ އެވެ. ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑުން އެ ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ނުކުރީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ މިންވަރަށް ވުރެ ބޮޑަށް ހަށިގަނޑު ކުނިވެފައި އޮތުމުގެ ސަބަބުން ކަމަށެވެ.

ފުލުހުން ބުނީ އެ ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާ އެކު ޑޮކްޓަރުން ކަމަށެވެ. އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވެއެވެ. އެތަކެތީގެ ބަރުދަނަކީ 818 ގްރާމް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހާ މާލެ އައިސްފައި ވަނީ އިތުރު ދެ މީހަކާ އެކު މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އަދި އެ މީހުން ކ. މާފުށީގައި އުޅުމަށް ފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިން ވެފައިވަނީ އޭގެ ދެ ދުވަސް ފަހުން ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އޭނާއާ އެކު ރާއްޖެ އައި ދެ މީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގެ މައުލޫމާތު ހާމަކޮށްފައި ނުވަނީ އެ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވުމާއި ވަށައިގެންވާ ކަންކަމަށް ބަލައި އަދި ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދާތީ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަދިވެސް އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.