ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް 7،000 އޮފިޝަލުން ބޭނުންވާއިރު، މިހާތަނަށް އެކަމަށް އެދި ކުރިމަތިލީ 3،000 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ އިންތިހާބުގައި މަސައްކަތް ކުރާނެ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އެ ކަމަށް އެދި ހުށަހެޅުމުގެ މުއްދަތު މިމަހުގެ 21 ވަނަ ދުވަހަށް ހަމަވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކު ވިދާޅުވީ މިހާތަނަށް އޮފިޝަލުންގެ ގޮތުގައި ކުރިމަތިލާފައި ވަނީ ގާތްގަނޑަކަށް 3،000 މީހުން ކަމަށެވެ. އެހެންވެ މުއްދަތު ހަމަވުމުގެ ކުރިން ވީހާވެސް ގިނަ ފަރާތްތަކުން ކުރިމަތިލުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދި ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލްގެ ތެރެއިންނެވެ. ވަޒީފާގައި އުޅޭ މީހެއްނަމަ ވަޒީފާގައި އުޅޭ ކަމުގެ ލިޔުން ހުށަހެޅުމަކީ ލާޒިމު ކަމެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ އިލެކްޝަންސް ކޮމިޝަނުގެ ހޮޓްލައިން 1414އަށް ގުޅުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ.
އުމުރުން 18 އަހަރުވެފައިވާ، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާނުކުރާ ކޮންމެ މީހަކަށް އޮފިޝަލަކަށް ވެވޭނެއެވެ. އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 2900 ރުފިޔާގެ އުޖޫރައެއް ލިބޭނެއެވެ. އަދި ވެރިޔާގެ އެހީތެރިންނަށް 2600 ރުފިޔާ، އާދައިގެ އޮފިޝަލުންނަށް 2300 ރުފިޔާ، ގުނާ އޮފިޝަލުންނަށް 1800 ރުފިޔާ އަދި ރިޒަރވް އޮފިޝަލުންނަށް 1000 ރުފިޔާގެ އުޖޫރައެއް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މަސައްކަތް ކުރާ ގަޑިތަކަށް ބަލާ ކެއުމާއި، ސައިގެ އެލަވަންސް އަދި އިތުރު ގަޑީ ފައިސާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ސިއްހަތަށް ގެއްލުންހުރި ކާނާ ކާ ހިތްވަނީ ކީއްވެ؟
އިޒްރޭލުގެ މީހުންނަށް އެހީވާން ގާލް ގޮވާލައިފި
