މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި 19 އަހަރުގެ ޒުވާނަކު ހައްޔަަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ އެ ހަމަލާދީފައި ވަނީ މާފަންނު، ތޮއިބާ މިސްކިތް ކައިރީގައި ކަމަށެވެ. އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިރޭ 20:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މި ޙާދިސާގައި ޒަޚަމްވި މީހާއާއި ގުޅޭ މައުލޫމާތެއް ފުލުހުން ނުދެ އެވެ. ނަމަވެސް އެ މީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހަމަލާދީފައި ވަނީ ހަވީރީހިނގުމާއި ޝަހީދު އަލީ ހިނގުމާ ގުޅުނު ހިސާބުން ކަމަށެވެ. އެ ހަމަލާދިން ވަޅި ވެސް އެތަނަށް ވެއްޓިފައި އޮތްވައި މީހުން ފޮޓޯ ނަގާފައިވެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ޒަޚަމްވެފައި ވަނީ މާފަންނުގައި ލީން މާޓްގެ ވެރި މީހާއަށެވެ. އަދި އޭނާއަށް އެ ހަމަލާދިނީ އެ މީހާގެ ދެބެއިންގެ ދެދަރި ކޮއްކޮއެއް ކަމަށްވެ އެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރީ ތޮއިބާ މިސްކިތް ކައިރިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.