އިދިކޮޅު އެމްޑީޕީގައި ދެން ބައިބައިވުމެއް ނޯންނާނެ ކަމަށް ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގިނަ ދުވަސްތަކަކަށްފަހު ދެ ބޭފުޅުން މިއަދު ބޭއްވި ބައްދަލުވުމަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން ދެ ބޭފުޅުން ވެސް ވިދާޅުވީ އެމްޑީޕީ ދެން ބައިބައިނުވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގެން އޭނާ އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްއަކީ ހަގީގަތުގައި އެމްޑީޕީގެ ގޮތްޕެއް ކަމަށެވެ. އަދި އެ ޕާޓީގެ ފަލްސަފާ އަކީ އެމްޑީޕީގެ ވެސް ފަލްސަފާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ދެ ބޭފުޅުންގެ ގުޅުން އެހާބޮޑަށް ގޯސްވީ ކުރިން ދެކެވެންޖެހޭ ވާހަތަކެއް ދެކެވިފައިނުވާތީ ކަމަށާއި އެފަދަ ކަމެއް ދެން ތަކުރާރު ނުވާނެ ކަމަށެވެ.
"އެއީ ވެގެންވާނެ ކަންކަމެއް ނޫން އެއީކީ، އޭރު އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ދެކެވެން ހުރި ވަރަށް ގިނަ ވާހަކަތަކެއް ނުދެކެވި ހުރީމައި އެ ހިސާބަށް ދިޔަ ކަމަށް ގަބޫލުކުރެވެނީ. ދެން އެކަހަލަ ކަމެއް ދިމާނުވާނެ ގޮތަށް އެއަށް ވުރެ ކައިރިން ވާހަކަ ދެއްކިއްޖިއްޔާ އެ ކަހަލަ ލޮޅުމެއް ދެނެއް ނާރާނެ،" ސޯލިހު ވިދާޅުވި އެވެ.
އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީ ނިމުމުން ދެ ބޭފުޅުން ގުޅިގެން އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރި ކެންޑިޑޭޓުންނަށް ކެމްޕޭންކޮށްދިނުމަށް މަސައްކަތް ފައްޓަވާނެ ކަމަށެވެ.
"އެންމެން އެކީގައި ކުރިއަށްދާ ގޮތަށް، އެއާއެކު ޕާޓީ އެެތެރޭގައި ބައިބައިވުމެއް އަންނާނެ ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެ ޖާގައެއް އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން ނުދޭނަން،" ސޯލިހު ވިދާޅުވި އެވެ.
އެ ވާހަކަފުޅާ ގުޅިގެން ނަޝީދު ވިދާޅުވީ ސޯލިހު ވިދާޅުވެދެއްވީ ކަންއޮތްގޮތް ކަމަށާއި އެމަނިކުފާނު ވިދާޅުވިގޮތަށް އެކަން ކުރިއަށްދާނެ ކަމަށެވެ.
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ސޯލިހު ވާދަކުރައްވާނެ ކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ. ނަަމަވެސް ނަޝީދު ދާދިފަހުން ވިދާޅުވީ އެންމެ ރަނގަޅުގޮތަކީ އެމަނިކުފާނާއި ސޯލިހު ވެސް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވައި އެހެން ބޭފުޅަކަށް ފުރުސަތު ދެއްވުން ކަމަށެވެ.
ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންތަކުގެ އާއްމު ސަބަބުތައް!
ސުތުރާތައް މިސްކިތްތަކުން ނަގަން އަންގަނީ
ލޭގައި އެކުލެވޭ ހިމަގްލޮބިން އިތުރު ކުރަން އެހީއެއް!
