ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިޔަށް ގެންދާ އިންސްޓްޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ރާއްޖޭގެ ފުރަތަމަ ޕްރޮޓޯޓައިޕް ސެޓެލައިޓްގެ މަސައްކަތް ފަށުމުގެ ތައްޔާރީތަށް ވާން ފަށައިފި އެވެ.

އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިއްފަތު މުހައްމަދު ވިދާޅުވީ، އެ މިޝަންގައި ބައިވެރިވާން ބޭނުން ދިވެހި ޒުވާނުންނަށް އެ ފުރުސަތު ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށެވެ.

ސެޓަލައިޓް އުފެއްުދުމާއި މުޅި ޕްރޮޖެކްޓް ލީޑް ކުރާނީ ވެސް ދިވެހި ޒުވާނުންނެވެ. އެ ސެޓެލައިޓަކީ ދުނިޔޭގެ ހޫނުމިނާއި މޫސުމަށް އަންނަ ސައިންޓިފިކް ދިރާސާ ކުރުމަށް އުފައްދާ ސެޓެލައިޓެއް ކަމަށް ރިފްއަތު ވަނީ ވިދާޅުވެފަ އެވެ.

އައިޖީއެސްއިން ސެޓްލައިޓް އުފެއްދުމުގެ މަސައްކަތް ކުރަނީ އިނގިރޭސިވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކު އެވެ. އެ ފައުންޑޭޝަނާއެކު މިދިޔަ މަހު އައިޖީއެސް ވަނީ އެގްރިމެންޓެއް ހަދާފަ އެވެ.

އެގްރީމެންޓުގައިވާ ގޮތުން ސެޓެލައިޓަށް ބޭނުންވާ ހާޑް ވެއާ ސަޕްލައި ކުރުމާއި ސެޓެލައިޓް ލޯންޗް ކުރުމުގައި ފަންނީ ގޮތުން އެހީވާނީ ކޭއެސްއެފް އިންނެވެ. ސެޓެލައިޓް ލޯންޗް ކުރާނެ ގައުމެއް ހަމަޖައްސައި އެ ގައުމުގެ އެއާ ސްޕޭސް ބޭނުން ކުރުމުގެ ހުއްދަ ނެގުމުގައި ވެސް ކޭއެސްއެފް އިން އައިޖީއެސްއަށް އެހީތެރިކަން ދޭނެ އެވެ.

ސެޓްލައިޓް އުފެއްދުމުގެ ޕްރޮޖެކްޓްގެ މިޝަން ޑައިރެކްޓަކަށް ހަމަޖައްސާފައި ވަނީ ކާމިޔާބު ސްޕޭސް މިޝަންތައް ލީޑް ކުރައްވާފައިވާ އިންޑިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ސްރިމަތީ ކޭސަން އެވެ. އެނާގެ ޒިންމާއަަކީ ސްޕޭސް މިޝަންއެއް ރާވައި، ކާމިޔާބު ކަމާއެކު ނިންމާލަން ރާއްޖޭގެ ދަރިވަރުން ތައްޔާރު ކުރުމެވެ.

ދެހާސް ވިހިވަނަ އަހަރުގެ އޮކްޓޯބަރު މަހު އައިޖީއެސް އާއި ކޭއެސްއެފް އާ ދެމެދު ސޮއި ކުރި އެއްބަސްވުމާއެކު ސްޓެލައިޓް ޑިޒައިނާއި ހަމައިން ލޯންޗް ކޮށް، ސައިންޓިފިކް ރިސާޗް ހަދަން އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން ރާއްޖޭގެ 12 ދަރިވަރަކު ތަމްރީނު ކުރާނެ އެވެ.