ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް އިސްލާހު ގެނެއުމަށްފަހު، އެ ނިންމުމާއި މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ބާއްވަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.
ބޮޑު ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފައިވާއިރު، ޗުއްޓީގައި މިހާރު އޮތް މަޖިލީހުން ދައުރުން ބޭރުން މިއަދު ދަނީ ޖަލްސާއެއް ބާއްވަމުންނެވެ. އެ ޖަލްސާގެ އެޖެންޑާގައި ގާނޫނުއަސާސީ އިސްލާހުކުރުން ހިމެނޭހެން ސަރުކާރު ފަރާތުން ތިން ބިލެއް ހުށަހެޅުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ދެ އިންތިހާބު އެއްކޮށްލަން މަޖިލިހުން ފާސްކުރުމަށް ފަހު، ރައްޔިތުންގެ ރިފަރެންޑަމަކަށް ދާން ޖެހޭ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދީފަ އެވެ.
ސަރުކާރުން ބޭނުންވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކުއެކީގައި މި ރިފަރެންޑަމް ބާއްވައި ނިންމުމަށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.
ރައްޔިތުންނާ ގުޅޭ ބޮޑެތި ކަންކަމާއި ގައުމީ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓު ނަގާނެ އުސޫލުތައް ކަނޑައަޅާ ބިލެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފަ އެވެ.
އެ ގާނޫނުގައިވާ ގޮތުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް އަހަން ޖެހެނީ ގާނޫނުއަސާސީގައިވާ އަސާސީ ހައްގުތަކަށް އިސްލާހު ގެނައުމާއި މަޖިލީހުގެ ދައުރާއި ރިޔާސީ ދައުރާއި ރައީސް އިންތިހާބު ކުރާ ގޮތާއި ރާއްޖޭގެ ސަރަަހައްދާ ގުޅޭ ކަންކަމުގަ އެވެ. އަދި ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާ ހާލަތްތަކުގައި ވެސް އެ ގާނޫނުގެ ދަށުން ވޯޓު ނަގަން ޖެހެ އެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ނިޔަތާއި ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަވުމަށް ވުރެ އޭގެން ނުކުންނާނޭ ބޮޑެތި ގޯސްތަކެއް ފެންނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފަ އެވެ.
އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ އެކަމާއި ދެކޮޅުކަން ހާމަކުރައްވާފަ އެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސަރުކާރުގެ ނިންމުމަށް ތާއީދު ކުރައްވައިފަ އެވެ.
އެޗްއާރްސީއެމްގެ ރައީސަކަށް ރަމީލާ އައްޔަންކުރަން ފާސްކޮށްފި
ދައުރުން ބޭރު ޖަލްސާތައް ބޮއިކޮޓްކުރަން އެމްޑީޕީން ނިންމައިފި
ޕެންޝަން ގާނޫނު ބަދަލުކުރަނީ އޮޅުވާލައިގެން ފައިސާ ޗާޕުކުރަން