އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ނެގުމަށްޓަކައި ރިޝްވަތު ހުށަހަޅަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ މެންބަރު ޝާތިރު އަބްދުއްރަހްމާން ވިދާޅުވީ މޮބައިލް ނަންބަރަކުން އެ ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ގުޅައި ނަން އަނބުރާ ގެންދިޔުމަށް ޝަރުތުކޮށް ރިޝްވަތު ހުށަހަޅަމުންދާ ކަމަށެވެ.

ޝާތިރު ވިދާޅުވީ ރިޝްވަތުގެ ގޮތުގައި ހުށަހަޅަނީ ކައުންސިލަރެއްގެ ފަސް އަހަރުގެ ދައުރުގެ މުސާރައިގެ ޖުމްލަ އަދަދަށްވާ ފައިސާ ކަމަށެވެ.

ކެންޑިޑޭޓުންނަށް ގުޅަމުންދާ ނަންބަރަކީ 9292777. ގުޅާފަ ފައިސާ ހުށަހަޅަމުން ދަނީ. ފަހުން އަޅުގަނޑުމެން އެ ނަންބަރަށް ގުޅަން އުޅުމުން ނުއެއް ގުޅޭ،" އޭނާ ވިދާޅުވި އެވެ.

އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންނަށް ވެރިކަންކުރާ ޕީއެންސީގެ ބޭފުޅުން ގުޅައި ފައިސާ ވެސް ހުށަހަޅަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓުންގެ ގޮތުގައި ހަމަޖެހިފައިވާ ފަރާތްތަކަށް ވަޒީފާގެ ބިރު ވެސް ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ސަބަބާ ހުރެ އަޅުގަނޑުމެންނަށް ބައެއް ކެންޑިޑޭޓުން ބަދަލުކުރަން ވެސް ޖެހިފައިވޭ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އަކީ މިނިވަން އިންސާފުވެރި ޕްރައިމަރީއަކަށް ވާނެ ކަމުގެ ޔަގީންކަން އެމްޑީޕީން ވަނީ ދީފަ އެވެ.