ހުޅުމާލެ ފޭސް ތިނެއް ހިއްކިއިރު ފަޅުތެރޭގައި އޮތް ބާޖާއެކު ހިއްކާލުމަށްފަހު، އޭގެ ވެރިފަރާތައް ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި އެވެ.

މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިއިވާ ފޭސް 3 ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އެމްއޭސީއެލްއާ ހަވާލުކޮށްގެން ދާދިފަހުން ވަނީ މަސައްކަތް އަލުން ފަށާފައި އެވެ. އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް އެކުންފުނިން އިއްޔެ ވަނީ ފޮޓޯތަކާއެކު ޕޯސްޓެއް ހިއްސާކޮށްފައި އެވެ.

އެ ޕޯސްޓުން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ހިއްކާފައިވާ ސަރަހައްދުގައި އެއްގަންވެފައި އޮތް ބާޖެކެވެ.

އެނގިފައިވާ ގޮތުގައި އެ ބާޖަކީ ވެލި ބަރުކޮށްގެން ދަނިކޮށް ހުޅުމާލެ ފަޅަށް އަޑިއަށް ދިޔަ ބާޖެކެވެ. ހާދިސާއަށްފަހު، ބާޖުގެ ވެރިފަރާތާއި ވެލި އުފުލަން ހަވާލުކުރި ކުންފުންޏާއި ދެމެދު ކޯޓުގައި މައްސަލައެއް ކުރިއަށް ދާތީ، ބާޖު ފުންކުރުމުގެ މަސައްކަތް ވަނީ ނުކުރެވިފަ އެވެ.

ފޭސް ތިނެއްގެ ފަޅު ހިއްކުމުގެ ކުރިން ބާޖު ހުޅުމާލެ ފަޅުގައި

އޭގެ ފަހުން ފޭސް ތިނެއް ހިއްކިއިރު ބާޖު މިހާރު ހިއްކި ސަރަހައްދުގައި އޮތުމުން، އޭގެ ވެރިފަރާތުން ބާޖު ދިނުމަށް އެޗްޑީސީގައި އެދިފައި ވެއެވެ. ނަމަވެސް މިހާރު އެއީ އެޗްޑީސީގެ ބާޖެއް ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް ވެރިފަރާތުން 'ހުރިހާ'އަށް ވަނީ ކިޔާދީފަ އެވެ.

މި ބާޖާ ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔަ ނަމަވެސް އެމްއޭސީއެލް އިން އެކަމާއި ރަސްމީ ބަހެއް ނުބުނެ އެވެ.

ހުޅުމާލެ ފޭސް ތިނެއް ހިއްކާ ނިމިފައިވާ ސަރަހައްދުގައި ބާޖެއް --- ފޮޓޯ: އެމްއޭސީއެލް

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރަމުން އަންނައިރު، އެމްއޭސީއެލް އިން އިއްޔެ ބުނީ މިވީ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހިއްކި ބިމާއެކު މިހާރު މަޝްރޫއުގެ ތެރެއިން ހިއްކަން ނިންމާފައިވާ ބިމުގެ 77 ޕަސެންޓު، 49 ހެކްޓަރު ހިއްކާ ނިމިފައިވާ ކަމަށެވެ.