މާލޭގެ މޭޔަރު ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ރިޓަޔާޑް ޖެނެރަލް މުސާ އަލީ ޖަލީލަކީ ސަނާ ކިޔަން ޖެހޭވަރުގެ ބޭފުޅެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މޫސާ އަލީ ޖަލީލްގެ ހާލަތާ މެދު ވަރަށް ހިތާމަކޮށް ލަދު ވެސް ގަންނަ ކަމަށެވެ.

ސިފައިންގޭގައި ކިތަންމެ ހިދުމަތެއް ކުރެއްވި ނަމަވެސް ރައްޔިތުންނަށް މިފަދަ ހާލެއް ޖެއްސި ސަރުކާރެއްގެ ކެނޑިޑޭޓެއްގެ ގޮތުގައި ވޯޓު ހޯއްދަވަން ނުކުތުމަކީ ލަދުވެތި ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އެއީ ޖަލީލްގެ އަމިއްލަ ނިންމެވުމެއް ކަމަށް ވާތީ އެކަމާ އެހާ ވިސްނަން ބޭނުންނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޖަލީލަކީ ވަރަށް އާދައިގެ ގޮތަކަށް ލޫޒްކޮށް ވޯކްކުރާ މީހެއްތާ ދޯ އެހެންވީމާ. އަނދިރިއަސް، އަލިވިއަސް ހަމަ އެންމެ ރަނގަޅު،
ރައީސް ޔާމީން

މީހެއްގެ އިހުލާސްތެރިކަން ހުރި މިންވަރާއި ހަގީގީ މިޒާޖު ފެނިގެންދާނީ އޭނާއަށް ކަމެއްގެ ބޭނުން ޖެހޭ ހާލަތުގައި ކަމަށް ވެސް ވިދާޅުވި އެވެ. ޔުނީފޯމުގައި އޭނާގެ ހަގީގީ މިޒާޖު ފެނިގެން ނުދާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖަލީލު ހުންނެވީ ކޮންތާކުތޯ ސުވާލު ކުރައްވަމުން ޔާމީން ވިދާޅުވީ، ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވުމުން ސަނާ ކިޔެން ނެތް ކަމަށެވެ.

"ސަނާ ކިޔޭކަށް ނެތޭ. ސަނާ ކިޔަން ޖެހޭ ވަރެއް ނޫނޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ސިފައިންގެ ތަމްރީނާއި އަހްލާގު ލިބިފައިވާ ބޭފުޅަކު "ޔެސް ސާ" ކިޔާ ގޮތަށް އެ މީހެއްގެ އަގު ވެއްޓިގެންދާ ފަދަ ކަމެއްގައި "ނޯ ސާ" ވެސް ބުނަން އެނގެންވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މޫސާ އަލީ ޖަލީލް ޕީއެންސީގެ އިވެންޓެއްގައި

"ޖަލީލަކީ ވަރަށް އާދައިގެ ގޮތަކަށް ލޫޒްކޮށް ވޯކްކުރާ މީހެއްތާ ދޯ އެހެންވީމާ. އަނދިރިއަސް، އަލިވިއަސް ހަމަ އެންމެ ރަނގަޅު،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޖަލީލަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.