ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވައިފި އެވެ.
މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ނައިބު ރައީސް ފައިސަލް ނަސީމް އެވެ.
މި ހަފުލާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބިޖެއްސުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. އަދި، މިގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މިފަދަ މަސައްކަތްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުން ޝާމިލުކުރުމަށް މަސައްކަތްކުރައްވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
އެމަނިކުފާނުގެ އުންމީދަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރީންނަށް ގުރުއާން އުނގަންނައިދިނުމަށް ހުރި ދަތިކަން ފިލުވައިލުމަށް މި ފަހިވެގެން ދިޔަ ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ގިނަ އަދަދެއްގެ ދިވެހިން މި ޕްރޮގްރާމްގައި ބައިވެރިވެ އޭގެ ފައިދާ ލިބިގަތުމެވެ. އަދި، އެމަނިކުފާނު ވަނީ އިސްލާމިކް މިނިސްޓްރީއާއި، ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ކުރައްވަމުންދާ މިފަދަ މަސައްކަތްތައް ފާހަގަކޮށް، މިއަދު މި ފެށި ޕްރޮގްރާމް މެދުކެނޑުމެއްނެތި ރަނގަޅަށް ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ގޮވާލައްވާފަ އެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖެއިން ބޭރުގައި ދިރިއުޅެމުންގެންދާ ދިވެހި ދަރިވަރުންނަށް ގުރުއާން އުނގެނުމަށް އޮތް ފުރުސަތު ހަނި ވުމުގެ ސަބަބުން ގުރުއާން އުނގެނުމަށް ދިމާވެފައިވާ ދަތިކަން ފިލުވާލައި، ދިވެހީންނަކީ ގުރުއާނަށް އަހުލުވެރި ބަޔަކު ކަމުގައި ހެދުމެވެ. އަދި، ރާއްޖެއިން ބޭރުގައި ތިބި ދިވެހީންނަށް ވެސް އެ ގައުމުތަކުގައި ތިބެ ގިރާއަތު ސެޓްފިކެޓް ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މިގޮތުން މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފެށިގެން މިދަނީ ތިން ލެވެލްއެއްގެ ކްލާސްތަކެވެ. އެއީ އަކުރު އުނގަންނައިދިނުމުގެ ކްލަސްތަކާއި، ފިލި އުނގަންނައިދިނުމުގެ ކްލާސްތަކާއި، ކަލިމަތައް އުނގަންނައިދިނުމުގެ ކްލާސްތަކެވެ.
މި ޕްރޮޤްރާމްގައި މިހާތަނަށް މެލޭޝިޔާ އިން 25 ބައިވެރިން، ސްރީލަންކާއިން 14 ބައިވެރިން އަދި، އިންޑިޔާ އިން 8 ބައިވެރިން ރަޖިސްޓަރީ ކޮށްފައިވެ އެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރުގެ އިތުރުން މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިސާމް އަލީއާއި، ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު އަސްލަމް ޝާކިރާއި، އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ޙުސައިން ނިޔާޒް ވެސް ވާހަކަދެއްކެވި އެވެ.