ރާއްޖެއަށް ބޮޑު އާންމުދަނީ އެއް ލިބޭ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުންނާ ދޭތެރޭގައި ކުންފުނިން އިހުމާލުވާކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ކާކުކަން ނޭންގޭގޮތަށް އިއްޔެ ސޯޝަލް މީޑިއާގައި އެމްއޭސީއެލްގެ މުވައްޒަފުންގެ ކަނބޮޑުވުންތަކެއް ވަނީ ހިއްސާކޮށްފަ އެވެ.
އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން މިދިޔަ މަހު މުވައްޒަފުންގެ މުސާރައިން 600ރ ވަރު މަދުވެފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް ކުންފުނިން އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް މުވައްޒަފުންނާ ހިއްސާކޮށްފައެއް ނުވެއެވެ. ޕޯސްޓުގައި މިހެން ބުނެފައިވީނަމަވެސް، "ހުރިހާ" އަށް މިކަން ކަށަވަރު ކުރެވިފައި ނުވެ އެވެ.
ވެލާނާ އިންޓަނެޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ރޭމްޕުގައި މަސައްކަތްކުރާ 1000 އަށްވުރެ ގިނަ މުވައްޒަފުންނަށް ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ޔުނީފޯމް ދީފައި ނުވާއިރު، ޔުނީފޯމް އެލަވަންސްވެސް ނުދޭ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން ފްރަންޓުލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް އެކަށީގެންވާވަރަށް ޔުނީފޯމް ދީފައި ނުވާކަން ފާހަގަކޮށްފައި ވެއެވެ. އަދި އެފަދަ މުވައްޒަފުންނަށް އޮފް ދުވަސްތަކުގައި މަސައްކަތް ކުރަން ނުކުންނަން މަޖުބޫރުކުރާ ކަމަށްވެސް ބުނެފައި ވެއެވެ.
ސަރުކާރުގެ އެހެން ބައެއް ކުންފުނިތަކުގައި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައި ނަމަވެސް އެމްއޭސީއެލް މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެސްފައި ނުވާއިރު، މިދިޔަ އަހަރުގެ ރޯދަ މަހުން ފެށިގެން އިތުރުގަޑީގެ ފައިސާ ނުލިބޭކަން ވަނީ ފާހަގަކޮށްފަ އެވެ.
އާ ޓާމިނަލު ހުޅުވައި ހިދުމަތް ދޭން ފަށާފައިވާއިރު، އަންނަ ފަތުރުވެރިންގެ ލަގެޖް އޮފްލޯޑް ކުރާ ސަރަހައްދު ކައިރީގައި މުވައްޒަފުންނަށް ފާހާނާއެއް ނެތުމުން އަތްދޮވެ ހެދުމަށްވެސް ވަރަށް ދުރަށް ހިނގަންޖެހެ އެވެ. އަދި ކޮންމެ ޝިފްޓެއްގައި 30 ވަރަކަށް ފްލައިޓު އޮފްލޯޑު ކުރަންޖެހޭއިރު މިފަދަ ޒަރޫރީ ހިދުމަތްތައް ނުލިބޭތީ މުވައްޒަފުންގެ ޝަކުވާ ބޮޑުވެފައި ވެއެވެ.
މުވައްޒަފުންގެ ސަރަހައްދުގައި އާދައިގެ ފަރުނީޗަރު ނެތުމާއި ލަގެޖްގެ މަސައްކަތް ކުރާ ތަނުގައި ފަންކާ ނެތި މަސައްކަތްކުރަން މަޖުބޫރުވެފައިވާކަންވެސް ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން މުވައްޒަފުންގެ ބްރޭކު ގަޑީގައި ހުޅުލެއިން ބޭރަށް ނުދެވޭގޮތަށް ނިންމާފައި އޮތުމުން، މުވައްޒަފުން ކެއުން ހަމަޖައްސަން ޖެހެނީ ބޮޑު ހަރަދުކޮށްގެން ކެންޓީނުން ކަމަށްވެސް ބުނެފައި ވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ގެންދަނީ އުމުރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރަސްމާލެ ހިއްކުމާއި ބައެއް ރަށްރަށުގެ ޕްރޮޖެޓުތައް ހިންގަންވެސް ވަނީ ހަވާލުކޮށްފަ އެވެ.
އެތައް މިލިއަން ޕަސެންޖަރުންނަށް ހިދުމަތްދޭ އެއާޕޯޓު ކުންފުންޏަށް ލިބޭ އާންމުދަނީއިން ތަނުގެ ހިދުމަތްތައް ތަރައްގީކުރުމާއި މުވައްޒަފުންނަށް ރަނގަޅުގޮތްތައް ހޯދައިދޭން މަސައްކަތް ނުކުރާކަމަށް ބުނެ ދަނީ ކުންފުނީގެ ވެރިންނަށް ފާޑުކިޔުން އަމާޒުވަމުންނެވެ.
އެހެން މީހުންގެ ލޮލުގައި ފުރަތަމަ އަޅައިގަންނަނީ ކޮން ކަމެއް؟
ނައްތާލާ މުސްހަފްތައް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި
ބަސް މަރުވުމުގެ ކުރިން: ދިވެހި ބަހަށް ދިމާވެފައިވާ ހާލު