އަންނަ އޭޕްރިލްމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން މިރޭ އާއްމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން ރަށު ކައުންސިލްތަކާއި ސިޓީކައުންސިލްތަކަށް ކުރިމަތިލާން މިހާތަނަށް 1،010 ފަރާތަކުން ފޯމު ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވާ ފޯމް ހުށަހެޅީ 750 ފަރާތަކުންނެވެ. އަނެއް 260 ފަރާތުގެ ތެރެއިން 77 ފަރާތަކުން، ޝަރުތު ހަމަނުވާތީ އަލުން ފޯމު ހުށަހަޅާފައިވާ ކަމަށް ވެސް އީސީން ބުންޏެވެ.

ޝަރުތު ހަމަވާ 750 ފޯމުގެ ތެރެއިން 617 ފޯމަކީ ސިޔާސީ ޕާޓީތަކުން ހުށަހެޅި ފޯމްތަކެވެ. އަނެއް 133 ފޯމަކީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަން އެދި ހުށަހެޅި ފޯމްތަކެވެ.

އީސީގެ ހިސާބުތަކުގައިވާ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާން 734 ފޯމް ހުށަހެޅި އިރު އޭގެ ތެރެއިން ޝަރުތު ހަމަވީ ޕާޓީތަކުން ހުށަހެޅި 488 ފޯމާއި އަމިއްލަ ގޮތުން ހުށަހެޅި 86 ފޯމާ އެކު ޖުމްލަ 574 ފޯމެކެވެ.

މިފަހަރުގެ އިންތިހާބުގައި ރަށުކައުންސިލްތަކާއި ސިޓީކައުންސިލްތަކަށް ހިމެނޭ ގޮތުން އިންތިހާބުކުރާނީ 629 ކައުންސިލަރުންނެވެ.

ލޯކަލް ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލާން އީސީން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ 3:00 އެވެ.