ލީބިޔާގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ، ހަތަރު މީހެއްގެ ގްރޫޕަކުން ދިން ހަމަލާއެއްގައި އަވަހާރަކޮށްލައިފި އެވެ.
ޤައްޒާފީގެ އާއިލާއާ ގާތް މަސްދަރަކާއި ހަވާލާދީ އަލް ޖަރީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާދިން މީހުން ސައިފުލް އިސްލާމަށް ބަޑިން ހަމަލާދީފައިވަނީ އޭނާ ދިރިއުޅުއްވާ ގޭގެ ބަގީޗާގެ ތެރޭގަ އެވެ. އަދި ހަމަލާ ދިނުމަށްފަހު އެ މީހުން ވަނީ އެ ސަރަހައްދުން ފިލާފަ އެވެ. ނަމަވެސް، މި ހަމަލާގެ ޒިންމާ އުފުލަނީ ކޮން ބައެއްކަން އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ސައިފުލް އިސްލާމްގެ ސިޔާސީ ޓީމުގެ މަސްދަރުތަކުން އަލް އަރަބިއްޔާއަށް ކިޔައިދިން ގޮތުގައި، ހަތަރު ހަތިޔާރު އެޅި މީހުން އެ ގެއަށް ވަދެގަތީ ސެކިއުރިޓީ ކެމެރާތައް މަސައްކަތް ނުކުރާ ގޮތް ހެދުމަށްފަހު އެވެ. ސައިފުލް އިސްލާމް އެ މީހުންނާ ކުރިމަތިލައްވަން މަސައްކަތް ކުރެއްވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ރޭގެ މެންދަމުން 2:40 އެހާއިރު ސައިފުލް އަވަހާރަވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ/
ސައިފުލް އިސްލާމަކީ ބައްޕާފުޅުގެ ފަހުން ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އައި ބޭފުޅެކެވެ. 2021 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އޭނާ އިއުލާނު ކުރެއްވި ނަމަވެސް، އެ އިންތިހާބު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރެވިފަ އެވެ.
ލީބިޔާގެ ކުރީގެ ލީޑަރު ކާނަލް މުއްމަރުލް ގައްޒާފީގެ ވެރިކަމާ ދެކޮޅަށް، ނޭޓޯގެ މަދަދާ އެކު އެ ގައުމުގެ އިދިކޮޅު ސިޔާސީ މީހުން 2011 ވަނަ އަހަރު ފެއްޓި މުޒާހަރާތައް މުޅި ގައުމަށް ފެތުރި، ގައްޒާފީގެ ވެރިކަން ވެއްޓުމާއެކު، ލީބިޔާ ވަނީ ދާޚިލީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފަ އެވެ.
އެމެރިކާ އާއި ނޭޓޯގެ ސިފައިން ލީބިޔާ އަށް އަރައި ކުރި ހަނގުރާމައިގައި، ގައްޒާފީ އަވަހާރަކޮށްލީ އޮކްޓޫބަރު 20، 2011ގަ އެވެ. ގައްޒާފީގެ ވެރިކަމުގެ ދުވަސްވަރު ލީބިޔާއަކީ، އެފްރިކާގެ އެންމެ މުއްސަނދި އެއް ގައުމެވެ. ގައްޒާފީގެ ވެރިކަމުގައި ލީބިޔާގެ ރައްޔިތުންނަށް ތައުލީމާއި ސިއްހީ ޚިދުމަތް ހިލޭ ފޯރުކޮށްދިނެވެ.
ފައިސާ ޗާޕްކުރުން ކުރިއަށްގެންދަން ޕެންޝަން ބޯޑުން ފާސްކޮށްފި
އީރާނުން އެމެރިކާއާއެކު ނުސީދާ މަޝްވަރާތަކެއް ފެށުމަށް ވިސްނަނީ