މާދަމާ އޮންނަ އިންތިހާބަށް ފަހު އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު އިންތިހާއަށް ބޮޑުކޮށް، ތެލުގެ ހަރަދުތައް ކުޑަކުރަން ކަމަށް ބުނެ މާލެ އާއި ރަށްރަށުން ކަރަންޓު ކަނޑަން ފަށަން ސަރުކާރުން މަޝްވަރާކޮށްފި އެވެ.
"ހުރިހާ"އާ ވާހަކަދެއްކި ސަރުކާރުގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި އިންތިހާބަށް ފަހު ތެލުގެ އަގުގެ އަގުތައް ބޮޑުކޮށް، މާލެ އިން ދުވާލަކު ދެގަޑިއިރު ކަރަންޓު ކަނޑަން ސްޓެލްކޯއާއެކު ފިނޭންސް މިނިސްޓްރީން ވަނީ ސިއްރު މަޝްވަރާތަކެއް ކޮށްފަ އެވެ. އަދި މިވަގުތު ތެޔޮ ލިބުނު ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެސްޓީއޯ އިން ވިއްކާ ތެލުގެ ބާވަތްތަކުގެ އަގު 40 ޕަސެންޓް ބޮޑުކުރަން ނިންމާފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
"މިހާރު މަޝްވަރާކުރި ނަމަވެސް އިންތިހާބު އޮތީމަ ފިޔަވަޅުތައް އެޅުން މަޑުޖައްސާލީ. އެކަމަކު މާލޭގެ އިތުރުން ރަށްރަށުން ވެސް ކަރަންޓު ކަނޑަން ފެނަކައާއެކު ވެސް މަަޝްވަރާކޮށްފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވެސް ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ މެދުއިރުމަތީގައި އިޒްރޭލާއި އެމެރިކާ އިސްވެ އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން، ތެޔޮ ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާތީ އެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ މި ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ރާއްޖޭގެ ތެލުގެ ރިޒާވް ހުރި މިންވަރުން 24 ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ދެވޭނެ ކަމުގެ ޔަގީންކަން މިހާރު ނެތް ކަމަށް ސަރުކާރުގެ އެ އޮފިޝަލް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ސްޓެލްކޯއިން ވަނީ ކޮންމެ ދުވަހަކު ދުވާލުގެ ވަކި ވަގުތުތަކެއްގައި ކަރަންޓު ކަނޑާލުމަށް މަޝްވަރާ ކުރަމުންނެވެ. އަދި ސަރުކާރު އޮފީސްތަކާއި ސްކޫލްތަކުގެ ވަގުތުތައް ކުރުކޮށް، ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް ވެސް ވަނީ ރޭވިފަ އެވެ. ނަމަވެސް، އިންތިހާބާ ދިމާކޮށް މިކަންކަން ރައްޔިތުންނަށް ސިއްރުކޮށް، ތެލާއި ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ނެތް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.
ސަރުކާރުން މަތި އަޅައި ފޮރުވަން އުޅުނަސް އިގްތިސާދީ މި ދަތިކަމުގެ އަސަރު މިހާރު ވެސް ދަނީ ރާއްޖެއިން ފެންނަމުންނެވެ. ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މުދަލުގެ އަގުތައް އުފުލި، ކަނޑުދަތުރުފަތުރުގެ އަގުތައް ވަނީ ތިން ގުނަ ބޮޑުވެފަ އެވެ. އަދި އިންތިހާބަށްފަހު ވައިގެ ދަތުރުފަތުރުގެ އަގުތައް ބޮޑުކުރުމަށް ވެސް މޯލްޑިވިއަނުން ވަނީ ނިންމާފަ އެވެ.
"މޯލްޑިވިއަނުން ފުރަތަމަ ނިންމާފައި ވަނީ ބޭރު މީހުންނަށް ވިއްކާ ޓިކެޓްގެ އަގު ބޮޑުކުރަން. އޭގެ ފަހުން ދިވެހިންނަށް ވިއްކާ އަގުތައް ބޮޑުކުރާނީ. އެކަމުގެ މަޝްވަރާތަކެއް މިހާރު ވެސް ދަނީ ކުރަމުން،" ސަރުކާރުގެ އޮފިޝަލް ވިދާޅުވި އެވެ.
ގައުމަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުން ހުއްޓައެއް ނުލަ އެވެ. މި އިންތިހާބާ ދިމާކޮށް ވެސް އެތައް ސަތޭކަ ބަޔަކަށް ވަނީ ސިޔާސީ މަގާމާއި ވަޒީފާ ދީފަ އެވެ. އަދި ސިޔާސީ މުސާރަތައް ކުޑަކުރުމުގެ ބަދަލުގައި، އާދައިގެ މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ މަދުކުރުމަށް ކުންފުނިތަކަށް ދަނީ އަންގަމުންނެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކޮންމެހެން ކުރަންޖެހޭ ދަތުރެއް މެނުވީ ނުކުރުމަށް އަންގާފައިވީ ނަމަވެސް، ކުންފުނިތަކުގެ ވެރިންނާއި ސިޔާސީ ބޭފުޅުން ދަނީ ރަސްމީ ދަތުރުގެ ނަމުގައި ރަށްރަށަށް ކެމްޕޭން ދަތުރުތައް ކުރަމުންނެވެ.
ދުނިޔޭގެ އިގްތިސާދީ ހާލަތަށް އަންނަ މިފަދަ ލޮޅުންތަކާ ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކުންވެސް ދަނީ ހަރަދު ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތައް އަޅަމުންނެވެ. ރާއްޖެއިން ވެސް މިފަދަ ފިޔަވަޅުތަކަކަށް ތައްޔާރުވަމުންދާއިރު، އާންމު ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ދަރިންގެ ފަރާތުން މިކަންކަން ފާހަގަވާނަމަ ފަރުވާކުޑަ ނުކުރާތި!
މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭހެން ފައިސާ ބަހަނީ
ރާއްޖޭގެ %70 މީހުން ލޮނު ބޭނުންކުރާ މިންވަރު މާ ގިނަ!