ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުލުން މިއަދު ބާއްވާއިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުލުން އޮތީ މިއަދު ހެނދުނު އެވެ.
މިއަދު ހެނދުނު ގުރު ނެގުން ކުރިއަށް ދިޔައިރު، 32 ކެންޑިޑޭޓަކު އަނބުރާ ނަން ގެންގޮސްފައިވާ ކަން ވަނީ ހާމަވެފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އިރު، ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އޮތީ ނަން ތަރުތީބުކުރުމާ ހަމައަށް ހުޅުވާލައިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ނަން އަނބުރާ ގެންދިއުމަށް އޮތް މުއްދަތުގައި ޖުމްލަ 32 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށާއި، އޭގެ ތެރެއިން 31 މީހުންނަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލީ ކެންޑިޑޭޓުން ކަމަށެވެ.
އޭޕްރީލް 4 ގައި ބާއްވާ އިންތިހާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ހުށަހެޅި ނަމަވެސް ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ އަދަދު އުނިކުރުމުން އެ އަދަދު މިހާރު ވަނީ 2،962 އަށް މަދުވެފަ އެވެ. ނަން ތަރުތީބުކޮށްފައިވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އެ ކޮމިޝަނުން ރަސްމީކޮށް އިއުލާނު ކުރާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް މިއަދު ގުރުނެގި އިރު، އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މާލޭ ސިޓީގެ މޭޔަރުންގެ މެދުގައި އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު 4 އެކެވެ. އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު 3 އެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު އަމިއްލަގޮތުން މޭޔަރުކަމަށް ވާދަކުރައްވާ އިސްމާއީލް ޒަރިޔަންދަށް ލިބިވަޑައިގަތީ ނަމްބަރު 2 އެކެވެ.
މިފަހަރުގެ އިންތިހާބުގައި ޖުމުލަ 2,993 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި ހަ ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓުން ހިމެނެ އެވެ. މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް އެ އަދަދަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމުލަ 294,937 މީހުންނަށް ލިބިގެންވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 4 ވަަނަ ދުވަހުއެވެ.
އިންވެސްޓަރުންނަށް ރާއްޖެއަށް އޮތް އިތުބާރު ބޮޑުވެއްޖެ: ރައީސް
ޣައްޒާގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދާ ޒުވާނެއްގެ ހިތުގެ އުދާސް