އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީންއާ ގުޅުން އޮތް ކަމަށް ބުނެ، ނޯވޭގެ ކުރީގެ ބޮޑުވަޒީރު ތޯބްޖޯން ޖަގްލޭންޑްގެ މައްޗަށް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް ނޯވޭ ސަރުކާރުން އޭނާ ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ޖަގްލޭންޑްގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ކައުންސިލް އޮފް ޔޫރަޕުން ވަނީ އޭނާއަށް ލިބިދީފައިވާ ޑިޕްލޮމެޓިކް އިމްތިޔާޒުތައް ވެސް އުވާލާފަ އެވެ.
ޖަގްލޭންޑްގެ މައްޗަށް މި ތުހުމަތުތައް އަމާޒުވީ އެޕްސްޓީން ޓްރާންސްޕޭރެންސީ އެކްޓްގެ ދަށުން ދާދި ފަހުން ހާމަކުރި އީމެއިލްތަކަކާ ގުޅިގެންނެވެ. އެ އީމެއިލްތަކުން ހާމަވާ ގޮތުގައި، 2008 ވަނަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް އެޕްސްޓީންގެ މައްޗަށް ސާބިތުވި ފަހުން ވެސް، ޖަގްލޭންޑް ވަނީ އޭނާގެ އަމިއްލަ ދަތުރުތަކާއި އާއިލީ ދަތުރުތައް އެޕްސްޓީންގެ ގެތަކަށް ރާވާފަ އެވެ.
މިގޮތުން ޕެރިސް، ނިއުޔޯކް އަދި ޕާމް ބީޗްގައި ހުންނަ އެޕްސްޓީންގެ ގެތަކަށް ޖަގްލޭންޑް ޒިޔާރަތްކުރަން ރާވާފައިވާކަން އެ ލިޔެކިޔުންތަކުން އެނގެ އެވެ. މިއީ ޔޫރަޕްގެ ގައުމުތަކުން މިފަދަ ބޮޑެތި ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
މި މައްސަލައިގައި ޔޫރަޕުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާއިރު، އެމެރިކާގައި މިފަދަ މައްސަލަތަކުގައި ބައިވެރިވި ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅެއް އަދިވެސް އަޅާފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ނޯވޭގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ޖަގްލޭންޑްގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަހަންނަކީ ފަޚުރުވެރި މުސްލިމެއް: އާމިރު ޚާން
އިންތިހާބަށް ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރުނަގައިފި
"ރަންގް ދޭ ބަސަަންތީ"ގެ ރީޔުނިއަންގައި މެޑީ ނުފެނުނީ ކީއްވެ؟