މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 300 މިލިޔަން ޑޮލަރުން މައްޗަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބޭނުންކުރެވޭ ރިޒާވާއާއެކު ރަސްމީ ރިޒާވް ވެސް ވަނީ މަތިވެފަ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ރިޒާވަށް އައިސްފައިވާ ބަދަލުތަކުގެ ތަފާސް ހިސާބުތައް މަރުކަޒީ ބޭންކުންވަނީ އާންމުކޮށްފަ އެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖެނުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ހުރީ 1.03 ބިލިއަން ޑޮލަރެވެ. މިދިިޔަ އަހަރު ނިންމާލިއިރު މިއަދަދު ހުރީ 983.04 މިލިއަން ޑޮލަރުގަ އެވެ. މިއީ 4 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ ރާއްޖޭގެ ރަސްމީ ރިޒާވު މިފަހުން ބިލިއަނަކަށް އެރި ފުރަތަމަ ފަހަރެކެވެ.
މީގެ ކުރިން ރަސްމީ ރިޒާވް މިވަރަށް މަތިވީ 2020 ވަނަ އަހަރު އެވެ. އޭރު މިއަދަދު އިތުރުވެގެން ދިޔައީ، ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ސޮއިކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ އެ އަހަރު ތެރޭ ބޭނުން ކުރުމުންނެވެ. އެ އަހަރުގެ ޑިސެންބަރު މަހު އޭރުގެ ސަރުކާރުން ޚަރަދުތައް ފޫބެއްދުމަށް 250 މިލިޔަން ޑޮލަރުގެ ބޮންޑެއް ވިއްކާފައިވެ އެވެ.
ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައިވާއިރު، ބޭނުން ކުރެވޭ ރިޒާވަށް ވެސް ވަނީ އިތުރުވެފަ އެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓްގެ ގޮތުގައި ހުރި ބޭރު ފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށް ވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހު އެވެ. މިއީ ރިޒާވުން ވަގުތުން ބޭނުން ކުރަން ހުރި އަދަދެވެ. ޖެނުއަރީ މަހުގެ ނިޔަލަށް ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ހުރީ، 839.8 މިލިޔަން ޑޮލަރުގަ އެވެ.
މިއާއެކު ބޭނުންކުރެވޭ ރިޒާވުގައި ޖެނުއަރީ މަސް ނިންމާލި އިރު، 301.4 މިލިއަން ޑޮލަރު ހުއްޓެވެ. މިއީ ބޭނުން ކުރެވޭ ރިޒާވު މީގެ ދެ އަހަރު ކުރިން ހީނަރުވުމަށް ފަހު މިދިޔަ އަހަރުން ފެށިގެން އަންނަ ހެޔޮ ބަދަލާއެކު މިވަރަށް މައްޗަށް ޖެހިލި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 244.1 މިލިޔަން ޑޮލަރެވެ. އެހެން ކަމުން މިއީ 25 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖޭގެ ރިޒާވް ހަރުދަނާވުމަށް މެދުވެރިވީ އެއް ސަބަބަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވުމެވެ. މިިދިޔަ އަހަރު ޖެނުއަރީ މަހު އަމަލުކުރަން ފެށި ބޭރު ފައިސާގެ ގާނޫނުން ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ޓޫރިޒަމުން ލިބޭ ބޭރު ފައިސާ މާރު ކުރަން ޖެހެ އެވެ. މިއާއެކު މިގޮތަށް މާރުކުރެވޭ ޑޮލަރުން އެއްބައި އަނބުރާ ބޭންކުތަކަށް އެމްއެމްއޭއިން ރީއެލޮކޭޓް ކުރެ އެވެ.
މިއަހަރު ރޯދަމަހާއި ދިމާކޮށް އެމްއެމްއޭއިން ވަނީ މުދާ އިމްޕޯޓް ކުރާ ފަރާތްތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށްދީފަ އެވެ. އެމްއެމްއޭ އިން ބުނީ މި ބަދަލާއެކު އާންމުކޮށް ޑޮލަރު ދޫކުރާ މިންވަރަށް ވުރެ 32 ޕަސެންޓް އިތުރަށް މިހާރު ބޭންކުތަކުން ފެބްރުއަރީ 17 ވަނަ ދުވަހުން ފެށިގެން 3 ހަފްތާގެ މުއްދަތައް ވިޔަފާރިތަކަށް ޑޮލަރު ދޫކުރާނެ ކަމަށެވެ.
އިންޑިއާގެ އެންމެ އަގުބޮޑު ޓީވީ ހޮސްޓުންނަކީ މިއީ!
ކުޑަކުދިންގެ އޮރިޔާން ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މީހަކު ހައްޔަރު
ކުރަން ބޭނުން ކޮންމެ ކަމެއް މުޖާޒު ކުރާނެ!