ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދަނިކޮށް، ކޮންޓްރޯލްނުވެ ހިނގި އެކްސިޑެންޓެއްގައި ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ކުޑަކުއްޖަކު މަރުވި މައްސަލައިގައި ހައްޔަރުކުރި ޒުވާނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. އިނގުރައިދޫގެ 19 އަހަރުގެ ޒުވާނެކެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ބޮޑުތަކުރުފާނުމަގު، ޓްރެފިކް ލައިޓް ކައިރިންނެވެ. ބާރު ސްޕީޑުގައި ދުއްވާފައިދިޔަ މި ސައިކަލު ކޮންޓްރޯލު ނުވެގެންގޮސް މަގުގެ ޕޭވްމަންޓް މައްޗަށް އަރައި ހިނގި މި ހާދިސާގައި، ސައިކަލް ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެ ދުވަހު ވަނީ މަރުވެފަ އެވެ.
ފުލުހުން ބުނިގޮތުގައި، ސައިކަލު ދުއްވަން އިން 19 އަހަރުގެ ޒުވާނާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް ވެސް އޮތް މީހެއް ނޫނެވެ. ކްރިމިނަލް ކޯޓަށް އޭނާ އިއްޔެ ހާޒިރުކުރީ ބަންދުގެ މުއްދަތު އިތުރުކުރުމަށެވެ. ނަމަވެސް، ކޯޓުން ވަނީ ޝަރުތުތަކެއް ކުރުމަށްފަހު އޭނާ ޖަލު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.
ކޯޓުގައި އެ ޒުވާނާގެ ފަރާތުން ބުނެފައިވަނީ "މި އެކްސިޑެންޓަކީ ގަސްދުގައި ކުރި ކަމެއް ނޫން" ކަމަށެވެ. އަދި ހަރުކަށި ޝަރުތުތަކެއް ކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލުމަށް އޭނާ އެދިފައިވެ އެވެ. ފުލުހުން ކޯޓުގައި ބުނެފައިވަނީ ތަހުގީގަށް އެއްބާރުލުން ދޭނަމަ އޭނާ ދޫކޮށްލުމަށް އިއުތިރާޒެއް ނެތް ކަމަށެވެ.
މި މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ، ކޯޓުން ކޮށްފައިވާ ޝަރުތުތަކާ އޭނާ ހިލާފުވެއްޖެނަމަ އަލުން ބަންދުކުރުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކުގެ ތަފްސީލެއް ކޯޓު އަމުރުގައި ހިމަނާފައެއް ނުވެ އެވެ.
ބާރު ސުޕީޑުގައި ވެހިކަލް ދުއްވުމަކީ ރާއްޖޭގައި އާއްމުވެފައިވާ ނުރައްކާތެރި މައްސަލައެކެވެ. މިފަދަ އެކްސިޑެންޓްތަކުގައި ފަހަކަށް އައިސް ގިނަ އަދަދެއްގެ ޒުވާނުންގެ ފުރާނަ ގެއްލެމުންދާތީ، އާންމުންގެ މެދުގައި މިކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

"ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒުކުރަނީ މި ސަރުކާރުން"
ރަމަޟާން މަހަކީ އަޅުކަމުގައި އުޅެންވީ މައްސަރު: ހުތުބާ
ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި